ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ރަނިންމޭޓަކަށް އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ހަމަޖައްސައިފިއެވެ.

ޕީޕީއެމުން މިއަދު ބުނެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެމަނިކުފާނުގެ ރަނިންމޭޓަކަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.

ޑރ. ޖަމީލަކީ 2013 ވަނަ އަހަރު ރައީސް ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއިރު އެމަނިކުފާނުގެ ނައިބު ރައީސަކަށް ހުންނެވި ބޭފުޅާއެވެ. އަދި މިހާރު ޝަރުޢީ ކޯޓުތަކުގައި ކުރިއަށްދާ ރައީސް ޔާމީންގެ މައްސަލަތަކުގައި އިސްވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަށްވަނީވެސް ޑރ. ޖަމީލެވެ.





ރައީސް ޔާމީންގެ ނައިބު ރައީސެއްގެ ގޮތުގައި ޑރ. ޖަމީލް އެއް އަހަރާއި އަށް މަސް ދުވަސް ވަންދެން ހުންނެވި އެވެ. އެއަށް ފަހު ޖުލައި 21، 2015 ގައި ޑރ. ޖަމީލުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 78 މެމްބަރުންގެ ވޯޓާ އެކު އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއި ގުޅިގެން ކެންޑިޑަސީ ބަލައިގަތުމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ރައީސް ޔާމީން މިހާރުވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމުވެސް ފުރިހަމަ ކުރަށްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަ މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން