ވިސާގެ ލުއިތަކާއި، ސްކޮލަރޝިޕްގެ އެއްބަސްވުންތަކެއްގައި ރާއްޖެއާއި ޖަޕާނުން މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޚާރިޖީ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު އެއްބަސްވެފައިވަނީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓްތަކަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ހަމަޖެއްސުމަށެވެ.

އޭގެ އިތުރުން ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރަން ޖެހިފައިވާ ދާއިރާތަކުން ޖަޕާންގައި މިހާރު ކިޔަވަމުންދާ 10 ދަރިވަރުންގެ އިތުރުން މިއަހަރު އިތުރު ހަ ދަރިވަރަކަށް ޖަޕާންގައި ކިޔެވުމަށް ފުރުސަތު ދިނުމުގެ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ. އިތުރުވާ ސްކޮލާޝިޕްތަކަށް ޖަޕާނުން 13 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރާނެ އެވެ.

ރާއްޖޭގެ ފަރާތުން މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލެވެ. އަދި ޖަޕާނުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

މި އެއްބަސްވުންތައް ބަދަލުކުރެއްވުމަށްފަހު ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ޖަޕާނުގެ ފޮރިން މިނިސްޓަރަކު ރާއްޖެ ވަޑައިގެންނެވި ދެވަނަ ފަހަރު ކަމަށާއި ޖަޕާނަކީ ރާއްޖޭގެ އިިޖްތިމާޢީ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށް ފާއިތުވި އަހަރުތަކުގައި ބޮޑެތި އެހީތަކެއް ވެފައިވާ ޤައުމެއް ކަމަށެވެ.

ދިވެހިރާއްޖެއިން ޖަޕާނާ އެކު ސިޔާސީ ގުޅުން ގާއިމުކުރީ 1967 ވަނަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން