ފުލުހުންނަށް އަނިޔާކުރާނެކަމަށްބުނެ އިންޒާރުދިން މީހަކު ފުވައްމުލަކުން ހައްޔަރުކޮށްފިއެވެ.

’ރަސް އޮންލައިން’ އަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުވައްމުލަކުން ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ އާއި ރޭ ގެންދިޔަ 6 މީހުންގެ ތެރެއިން 3 މީހުން މިހާރުވަނީ ދޫކޮށްލާފައި ކަމަށެވެ.

“އަދި ފުލުހުންނަށް އަނިޔާކުރާނެކަމަށްބުނެ އިންޒާރުދިން މައްސަލާގައި އިތުރު މީހަކު ވަނީ ހައްޔަރު ކޮށްފައި. ފުވައްމުލަކުގައި އިއްޔެ ޢާއްމު އުނދަގޫވާގޮތަށް އަޑުގަދަކުރާ ބޭނުންކުރަމުންދިޔަ 2 ޕިކަޕް ޓޯ ކޮށްފައިވޭ.” ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުވައްމުލަކުގައި ރޭ ހިނގި ހަމަނުޖެހުންތަކުގައި ހަތް ފުލުހަކަށް އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލްގައި ވަނީ ފަރުވާދީފައެވެ. އެ ހުރިހާ ފުލުހުންވެސް މިހާރުވަނީ ދޫކޮށްލާފައެވެ.

ފުވައްމުލަކުގައި ހަމަނުޖެހުން ހިންގާފައިވަނީ އެމްޑީޕީގެ ކެމްޕޭން ޖަލްސާ ކުރިއަށް ދަނިކޮށެވެ. އެގޮތުން އެސަރަޙައްދަށް އެއްވި ފަރާތްތަކުންވަނީ ފުލުހުންނާ ދިމާލަށް ގާއުކާފައެވެ. އެ މީހުން ހުއްޓުވަން ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށް ބައެއްމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރައީސް ޞާލިޙް އިއްޔެ ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން އިދިކޮޅުން ކުރި އިހުތިޖާޖުގެ ތެރެއިންވެސް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

އިއްޔެގެ ހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމުން ބުނެފައިވަނީ ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށް ގޮވާމީހުން ބާރުގެ ބޭނުންކޮށްގެން ހައްޔަރުކުރުން ކުށްވެރިކުރާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން