ފަރުކޮޅުފުށިން ފުނަދޫގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެގޮތް ހައްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ށ. އަތޮޅަށް ވަޑައިގަތުމަށްފަހު އެއަތޮޅު ފުނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތަކަށް މިސަރުކާރުން މިހާތަނަށް 32 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ރައީސް މިއަދު ވަނީ ކުރިއަށް އޮތް ދައުރުގައި ފުނަދޫގައި ގިނަ މަޝްރޫޢުތަކެއް ހިންގަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ށ. ފުނަދޫ އާއި އިންވެގެން އޮތް ފަރުކޮޅުފުށި، ފުނަދޫގެ ރައްޔިތުންނަށް އާމްދަނީ ލިބޭ ގޮތަށް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުނަދޫގެ މަގުތައް ހަދައިދެއްވާނެކަމަށާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު އައިސް ޕްލާންޓެއް ގާއިމް ކޮށްދެއްވާނެ ކަމަށާއި ފުނަދޫގައި 50 އެނދުގެ އައު ހޮސްޕިޓަލެއް އަޅައި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް މިއަދު ވިދާޅުވީ ފުނަދޫގައި މިހާރު ކުރިއަށްދާ މަޝްރޫޢުތައްވެސް ހަލުވި ސްޕީޑްގައި ވީހާވެސް އަވަހަށް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މިހާރުވެސް ފުނަދޫގެ ބައެއް މަޝްރޫޢުތައް ކޮންޓެކްޓަރުންނާއި ޙަވާލު ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ރަނގަޅަށް ޕްލޭންކޮށް ރާވައިގެން ކަމަށާއި މީގެ ކުރިން ރަށްރަށުގައި މިފަދަ މަސައްކަތްތައް ކޮށްފައިވަނީ އެއްވެސް ތަރުތީބެއްނެތި ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ފުނަދޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާއިރު އެމަނިކުފާނު ގެންދަވަނީ ކެމްޕޭންގައި ގިނަ ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން