ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމަށް އެމަނިކުފާނު އެދިވަޑައިގެންފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަސް ސަރވިސް އިން ހާމަކޮށްފިއެވެ.

ރައީސް ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވީ ސިއްހީ ހާލުކޮޅު ދެރަވެ ސްރީލަންކާގައި ފަރުވާދެމުންދާތާ ގިނަ ދުވަސްތަކެއްވީ ފަހުން މިއަދު ހެނދުނުއެވެ. މަންމާފުޅު އަވަހާރަވީއިރު ރައީސް ޔާމީން ގެންދަވަނީ މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަށްވަމުންނެވެ.

އެކަމާގުޅިގެން ކަރެކްޝަންސް އިން ބުނެފައިވަނީ ޖަނާޒާގައި ބައިވެރިވުމަށް މިހާތަނަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިނުވާ ކަމަށެވެ. ނަމަވެސް އާއްމު އުސޫލުގެ ދަށުން ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ރައީސް ޔާމިނަށްވެސް ލިބިވަޑައިގަންނަވާނެ ކަމަށް ކަރެކްޝަންސް އިން ވަނީ ހާމަކޮށްފައެވެ.

ރައީސް ޔާމިންގެ ވަކީލު އަބްދުﷲ ޝިޔާޒް މިއަދު ވިދާޅުވީ ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ރައީސް ޔާމީން އެންމެ ބޭނުންފުޅުވެ ވަޑައިގެންނެވީ ޝަރީއަތުގެ މަރުހަލާތައް އަވަހަށް ނިންމައި ޖަލު ހުކުމުން މިންޖުވެވަޑައިގެން، މަންމާފުޅުގެ އަރިހަށް ޒިޔާރަތްކުރެއްވުން ކަމަށެވެ. އެހެންނަމަވެސް، އެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިނުގެންނެވި ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު މިސަރުކާރުގެ އަނިޔާވެރިކަމުގައި ހައްގު ނޫން ހުކުމެއްގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމާއި މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ މަންމާފުޅުގެ ކަށުނަމާދު ބާއްވަން ނިންމާފައި ވަނީ މިރޭގެ އިޝާ ނަމާދަށް ފަހު ލަންކާގެ ޖާވަތަ ޖުމްމަ މިސްކިތުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން