ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ އެއްވެސް ފުރުސަތެއް ނެތްކަމަށް މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުޤައްރިރު އަދި ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް، އިބުރާ ވިދާޅުވެއްޖެއެވެ.

އިބުރާ މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މިހާރު ތަންފީޒުކުރަމުންދާ 11 އަހަރުގެ ޖަލުޙުކުމަކީ ނިހާއީ ޙުކުމެއް ނޫންކަމަށްވާތީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އޮތްކަމަށް ބުނެ ޕީޕީއެމަށް ތާޢީދުކުރާ ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެންނެވެ.

އިބުރާ ވަނީ ރައީސް ޔާމީން ޖަލުގައި އޮންނަވައިގެން ވާދަކުރައްވައިގެން، މިސާލަކަށް، ވެރިކަމަށް ހޮވިވަޑައިގެން ވެރިކަން ކުރައްވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. ޖަލުގައި އޮންނަވައިގެން ޤައުމު ހިންގަވާނެގޮތެއް އެނގިވަޑައިނުގަންނަވާކަމަށް އިބުރާ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އިބުރާ ވަނީ ޖަލުގައި އޮންނަވައިގެން ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ އަމިއްލަފުޅަށް ޖަލުޙުކުމް މަޢާފްކުރައްވާނީތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.



އިބުރާ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނެވީ ކްރިމިނަލް ކޯޓުން ޙުކުމެއްް ކޮށްގެންކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ. އެއީ ރަނގަޅަށް ކުރި ޙުކުމެއްވިޔަސް ނުވަތަ ގޯސްކޮށް ކުރި ޙުކުމެއްވިޔަސް އިއީ ޙުކުމެއްކަމަށް އިބުރާ ވިދާޅުވިއެވެ. އެހެންކަމުން އެޙުކުމް ސުޕްރީމް ކޯޓުން ބާޠިލްނުކުރާހާ ހިނދަކު ޔާމީނަށް އެޙުކުމުން ބަރީޢަވެވޭނެ ގޮތެއް ނެތްކަމަށް އިބުރާ ވިދާޅުވިއެވެ.

ނިހާއީ ޙުކުމަކަށް ނުވެގެން ޙުކުމް ތަންފީޒުކުރަން ނުޖޭ ހަމައެކަނި ޙާލަތަކީ މަރުގެ ޙުކުމްކަމަށާ، މަރުގެ ޙުކުމް ތަންފީޒުކުރަންޖެހެނީ ސުޕްރީމްކޯޓުގެ އެންމެ ފަހު މަރުޙަލާ ނިމުމުންކަމަށް އިބުރަ ވިދާޅުވިއެވެ. އިބުރާ ވިދާޅުވީ ނިހާއީ ޙުކުމެއް ނޫނޭ ބުނެ ޔާމީނުގެ މައްސަލައިގައި އެހެންގޮތަކަށް ގާނޫނު މާނަކޮށްފިއްޔާ، ނިހާއީ ޙުކުމެއް ނެތް ކޮންމެ މުޖުރިމަކުވެސް އިންތިޚާބީ މަޤާމްތަކަށް ކުރިމަތިލާފާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން