ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާމެދު އީސީން މިއަދު ގޮތެއް ނިންމާނެ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވަނީ މިއަދުއެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާއި ޙަވާލުވެ ވަޑައިގެންނެވީ އީސީގެ ރައީސް ފުއާދު ތައުފީޤެވެ. މި ރަސްމިއްޔާތުގައި ޕީޕީއެމް ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާއި ހަވާލުވެވަޑައިގަތުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ކެންޑިޑެސީ އާއިމެދު ގޮތެއް ނިންމަވަން 48 ގަޑިއިރު އިލެކްޝަންސް ކޮމިޝަނަށް ލިބުނު ނަމަވެސް މިއަދު 18:00 ގެ ކުރިން ރައީސް ޔާމީންގެ ކެންޑިޑެސީ އާއި މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނުގައިވާ ގޮތުން ކެންޑިޑެސީއާ މެދު އީސީން ނިންމާ ގޮތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަސް ލިބޭނެ އެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހަޅާ އެފަދަ މައްސަލަތައް ހަތް ދުވަސްތެރޭ ނިންމަން ޖެހެއެވެ.

ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެމަނިކުފާނުގެ ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދެވެ. ޑރ. ޖަމީލަކީ 2013 ވަނަ އަހަރު ރައީސް ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއިރު އެމަނިކުފާނުގެ ނައިބު ރައީސަކަށް ހުންނެވި ބޭފުޅާއެވެ. އަދި މިހާރު ޝަރުޢީ ކޯޓުތަކުގައި ކުރިއަށްދާ ރައީސް ޔާމީންގެ މައްސަލަތަކުގައި އިސްވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަށްވަނީވެސް ޑރ. ޖަމީލެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަ މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން