ރައްޔިތުން ބުއްދި އިސްނުކޮށްފިނަމަ އަނެއްކާވެސް ބިރުވެރި ދުވަސްތަކެއް ތަކުރާރުވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ށ. އަތޮޅަށް ވަޑައިގަތުމަށްފަހު އެއަތޮޅު ނަރުދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓަކީ ރައްޔިތުންގެ ކުރިމަތީގައި އޮތް ވަރަށް ބޮޑު ޓެސްޓެއް ކަމަށެވެ. އަދި އެއީ އަދިވެސް އެމްޑީޕީގެ ވާދަވެރިންގެ ގޮތުގައި ޕީޕީއެމް އޮތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އިންތިޚާބުގައި ރައްޔިތުން ނިންމާ ނިންމުމުގެ ސަބަބުން ތަރައްޤީއާއެކު ކުރިއަށްވެސް ދެވިދާނެ ކަމަށާއި ނުވަތަ އަނެއްކާ ވެސް އެނބުރި ކުރީގެ ތާރީހުގެ ތެރެއަށް އެނބުރި ދެވިވެސްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

“ވިސްނުންތެރިކަމާއެކު މިކަން ނުކޮށްފިނަމަ އަޅުގަނޑުމެން އެނބުރި އަނެއްކާ ވެސް އެނބުރި ދާން ޖެހޭނީ އެ އަނިޔާވެރިކަމާއި އެ ބިރުވެރިކަމުގެ ތެރެއަށް.” ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ނަރުދޫގައި ހިންގީ ދެ މަޝްރޫޢު ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަމަށެވެ. އަދި ރާއްޖެ އަށް އިންޤިލާބީ ބަދަލެއް ގެނެވޭނީ އެއްވެސް ރަށެއް ބާކީނުކޮށް މަސައްކަތްތައް ހިންގައިން ކަމަށާއި ކުރިއަށްއޮތް 4 އަހަރުގެ ތެރޭގައި މުޅި ރާއްޖޭން އެބަދަލު ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ނަރުދޫ ސިއްހީ މަރުކަޒަށް ވޯޑެއް އިތުރުކޮށްދެެއްވާނެ ކަމަށާއި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމާއި އިޖުތިމާއީ މަރުކަޒެއް ގާއިމުކުރުމާއި ޒުވާނުން ބޭނުންވާ ގޮތަށް ޓާފު ދަނޑު ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި ނަރުދޫ ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލު އަޅައިދެއްވާނެ ކަމަށާއި ގިރާ ސަރަހައްދުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ނަރުދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ހުއްޓިފައިވާތީ އެ މަސައްކަތް އަވަސް ކުރުމަށް މިހާރު ހަދާފައިވާ ކޮންޓްރެކްޓް ބާތިލުކުރުމަށްފަހު އެހެން ބަޔަކާ ހަވާލުކުރުމަށް ނިންމާފައިވާކަމަށްވެސް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އަމާޒަކީ އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުން ކަމަށާއި އެގޮތުން 2018 އަށްވުރެ އިތުރަށް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން