ރައީސް ނަޝީދުގެ ވެރިކަމުގައި ފީވަކަށް އެއްވެސް ކަމެއް ކޮށްދެއްވާފައިނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ށ. އަތޮޅަށް ވަޑައިގަތުމަށްފަހު އެއަތޮޅު ފީވަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ ފީވަކަކީ މީގެ ކުރީ ސަރުކާރުތަކުގައި އަޅާނުލައި ދޫކޮށްލާފައިވާ ރަށެއް ކަމަށެވެ.

އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި އެރަށުގައި އެއްވެސް މަޝްރޫޢުއެއް ހިންގާފައިނެތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ފީވަކުގައި ހިންގާފައިވަނީ 3 މަޝްރޫޢުކަމަށާއި އެގޮތަށް އެކަން ދިމާވެފައިވަނީ އާބާދީ މަދުވުމުގެ ސަބަބުން އެ ސަރުކާރުތަކުން ހަމައެކަނި ވޯޓަށް ވިސްނަވާތީކަމަށް ރައީސް ވިދާޅުވިއެވެ.

“މިފަދަ ކުދިކުދި ރަށްތަކަށް ކުރީގެ ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލަނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެބޭފުޅުންގެ ވިސްނުން އަބަދުވެސް ހުންނަނީ ކުރިއަށްއޮތް 5 އަހަރުގެ އިންތިޚާބަށް އެކަނި.” ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން މަޝްރޫޢުތައް ހިންގުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރާ ކަމަށާއި އެގޮތުން މި ސަރުކާރުން ފީވަކުގައި ހިންގާ މަޝްރޫޢުތައް 13 އަށް އަރާކަމަށެވެ. އަދި އޭގެ ގިނަ މަޝްރޫޢުތައް އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ނިމިގެންދާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުން މޫދަށް އެރޭނެ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި ޒުވާނުންގެ މަރުކަޒު ހެދުމުގެ މަސައްކަތް ވެސް މިހާރު އެވޯޑު ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މަގުހެދުމާއި ސްކޫލަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިވެހިން ބޭނުންވާ އުފާވެރި އަމާން ރާއްޖެ ދިވެހިންނަށް ހޯދައިދިނުން ކަމަށާއި އެކަން ކުރުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބު ވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން