ޢަދާލަތު ޕާޓީ އުވާލުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް އުޅުއްވިކަމަށް ޑރ. މުޙައްމަދު ޖަމީލް ހެކިބަސްދެއްވާފައިވާ ކަަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޖަލުގައި ހުންނަވައިގެން ރައީސް ޔާމީން ކެންޑިޑެސީ ފޯމް ހުށައަޅުއްވާފައިވާއިރު ޑރ. އިޔާޒް ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް މިއަދު ޖެހިވަޑައިގެންފައިވަނީ އެމަނިކުފާނު ވެރިކަމުގައި ހުންނަވައިގެން އެހެން ސިޔާސީ ލީޑަރުންނަށް ޖެއްސެވި ޙާލު ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ޢަދާލަތު ޕާޓީ އުވާލުމަށް އުޅުއްވިކަމަށް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.

“އެދުވަހު ޢަދާލަތުޕާޓީ އުވާލަން އެކިގޮތްގޮތުން ރައީސް ޔާމީން މަސައްކަތްކުރެއްވި ކަމަށް ޑރ. ޖަމީލް ހެކިބަސް ދެއްވި. ނަމަވެސް، ﷲގެ ރަޙްމަތާއި އެކު އެކަންތައް ކާމިޔާބެއް ނުވި.” ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް ވިދާޅުވީ މިއީ ވިސްނާ ފިކުރުކުރާ ބަޔަކަށް ހުރި ޢިބްރަތްތެރި ފިލާވަޅެއް ކަމަށާއި މިއަދު ހުއްޓުމެއްނެތި ޢަދާލަތުޕާޓީ ދަނީ މާބާރަށް ކުރިއަށް ކަަމަށެވެ.

ޢަދާލަތު ޕާޓީން ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ކުރިއަށް ދިއުމަށްޓަކައި އެމްޑީޕީއާއެކު އިއްތިހާދުވެފައެވެ. އަދި އެޕާޓީން ގެންދަނީ އެމްޑީޕީގެ ކެމްޕޭނުގައި އިސްދައުރެއް އަދާކުރަމުންނެވެ.

ޢަދާލަތު ޕާޓީ އުވާލުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް އުޅުއްވިކަމަށް ޑރ. ޖަމީލް ހެކިބަސްދެއްވާފައިވާ ކަަމަށް އިޔާޒް ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ރަނިންމޭޓަކަށް އެމަނިކުފާނު ޢައްޔަނު ކުރަށްވާފައިވަނީ ޑރ. ޖަމީލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން