ހަމައެކަނި މެނިފެސްޓޯއެއް އޮތުމުން ނުފުދޭ ކަމަށާއި ރައްޔިތުންގެ ޙާލުވެސް ބަލަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ށ. އަތޮޅަށް ވަޑައިގަތުމަށްފަހު އެއަތޮޅު ފޭދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ހަމައެކަނި މެނިފެސްޓޯއެއް އޮތުމުން ނުވާނެ ކަމަށާއި، ރަށްރަށަށް ގޮސް ރައްޔިތުންގެ ޙާލުވެސް ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އިޙްސާސްތައް އެނގޭނީ ރައްޔިތުންގެ ކައިރިއަށްގޮސް ރައްޔިތުންގެ އަޑުއަހައިގެން ކަމަށެވެ. އޭގެ އިތުރުން އެމްޑީޕީ ފިޔަވައި ރައްޔިތުންގެ އަޑުހައި ކެމްޕޭން ކުރާ ބަޔަކު ނުފެންނަ ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

“ތިހެން ތިބެ ހަދާ މެނިފެސްޓޯއަކުން އަލި ލިބޭނެ ވޯޓެއްނެތް. ގޭގޭގަ ސިޓިން ރޫމުގައި ތިބެ ކުރާ ކެމްޕޭނެއް ރައްޔިތުން ބަލައި ނުގަންނަނާނެ.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ އަސާސީ މަސައްކަތްތަކުން ފެށިގެން ހުރިހާކަމެއް އަލުން ފަށަން ޖެހުނު ކަމަށާއި އެގޮތަށް އެކަން މެދުވެރިވީ ކުރީގެ ވެރިކަންތަކުން ރަށްރަށަށް އަޅާނުލައި އޮތުމުން ކަމަށެވެ. އެހެންކަމުން ފޭދޫގައިވެސް އެމަސައްކަތްތައް ކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި ފޭދޫ މަގުތައް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެ ކަމަށާއި އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށްވެސް މަސައްކަތް ކުރަށްވާނެކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އެރަށުގައި ޒަމާނީ ފެންވަރުގެ ހޭންޑްބޯޅަ އާއި ވޮލީބޯޅަ ކޯޓެއް އެޅުމާއި، ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަަސައްކަތްވެސް ކުރަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ފޭދޫ ރައްޔިތުން ކުރިއަށްއޮތް އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއްގެ ވޯޓު ދެއްވާނެކަމަށް ޝައްކު ނުކުރަށްވާ ކަމަށްވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން