ސަރުކާރަށް ފާޑުކިޔައި ބެނާ ދެމުމަކީ މައްސަލައެއް ނޫން ކަމަށާއި ސިޔާސީ ކަމެއްގައި މިސަރުކާރުން އެއްވެސް މީހަކު ޖަލަށް ނުލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ށ. އަތޮޅަށް ވަޑައިގަތުމަށްފަހު އެއަތޮޅު ބިލެތްފަހީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ ސިޔާސީ ގޮތުން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ނޫސްވެރިންނާމެދު ޢަމަލުކުރި ގޮތާއި ސަރުކާރާ ދެކޮޅަށް ޚިޔާލު ފާޅުކުރުމުން ކަންތައްވެގެން ދިޔަގޮތް ރައްޔިތުންނަށް އެނގޭ ކަމަށެވެ.

އެއާ ޚިލާފަށް މި ސަރުކާރުގައި ޚިޔާލުފާޅުކުރުމަށް އޮތީ މިނިވަން މާޙައުލެއް ކަމަށާއި ނަމަވެސް ސިޔާސީ ޝުޢޫރު ފާޅުކުރުމުގައި ރީތި ބަހުރުވަ ބޭނުން ކުރުމަކީ މުޖުތަމަޢަށް އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

“އެއްވެސް ނޫސްވެރިއަކު ބަންދުކުރާކަށް ބޭނުމެއް ނޫން. ސިޔާސީ ކަމެއްގައި އެއްވެސް މީހަކު ޖަލަށްލާކަށް ބޭނުމެއް ނުވޭ.” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރަށް ފާޑުކިޔުމުން ސިޔާސީ ގިނަ ފަރާތްތަކެއް ޖަލަށް ލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ލީޑަރުންވެސް ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ އަމާން ރާއްޖެއެއް ދިވެހިންނަށް ހޯދައިދިނުން ކަމަށާއި އެކަމަށްޓަކައި ކުރިއަށްއޮތް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވުމަކީ ކޮންމެހެންވެސް ބޭނުންކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން