ސިޔާސީ ޙަޔާތް ބިނާކުރައްވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ގުޅިގެން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް ޞާލިޙް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވައިފިނަމަ އެއީ ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތުގެ ފަހުދުވަސް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށް ރާއްޖޭގެ މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

އެކަމާގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެބާވަތުގެ އެއްވެސް ވާހަކައެއް އެމަނިކުފާނު ނުދައްކަވާ ކަމަށެވެ. ހަމައެއާއެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް މި އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުވަނީ ނޫސްވެރިން ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކުރެއްވުމަށްވެސް އެދިލައްވާފައެވެ.

“އަޅުގަނޑުގެ ސިޔާސީ ހަޔާތް ބިނާ ކުރާނީ ރައީސުލްޖުމްހޫރިއްޔާއާ ގުޅިގެންނެއް ނޫން. މިއީ ރައީސް އޮފީހުން ފައިސާ ހަރަދުކޮށްގެން ފޮނުވާ ދޮގު ހަބަރު.” ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މީގެ ކުރިން ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް ބަލިކުރެއްވުމަށް އިދިކޮޅު ފަރާތްތަކާ ގުޅެން ޖެހުނަސް އެކަންވެސް ކުރަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުންވަނީ ރިޔާސީ އިންތިޚާބަށް އެޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކަނޑައަޅައި ރިޔާސީ އިންތިޚާބަށް ކެމްޕޭންވެސް މިހާރު ފަށައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން