ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއި ގުޅިގެން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމަށް ޕީޕީއެމް އިން ނިންމައިފިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އީސީއަށް ފޯމު ހުށައެޅިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

އީސީން ބުނެފައިވަނީ ރައީސް ޔާމީނަކީ ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ ފަރާތެއް ކަމަށާއި އެޙުކުމް ތަންފީޒުކޮށް ނިމިފައި ނުވާކަން ކުށުގެ ރެކޯޑަށް ބެލުމުން އެނގޭކަމަށެވެ. އެހެންކަމުން ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިގައި ފުރިހަމަ ނުވާކަމަށް އީސީގެ ނިންމުމުގައިވެއެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ރަނިންމޭޓް އަދި އެމަނިކުފާނުގެ އިސްވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގާނޫނީގޮތުން ގޯސްކޮށް ކަމަށާއި އެމައްސަލަ މާދަމާ ސުޕްރީމް ކޯޓަށް ހުށައަޅުއްވާނެ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގުކޮށްގެން ކަމަށެވެ.

“ހީކުރި ގޮތަށް އީސީގެ ތެރޭގައި ސަރުކާރުގެ ނުފޫޒް އޮތް މިންވަރަށް ބަލާއިރު މިއީ ޙައިރާންވާ ވަރުގެ ކަމެއް ނޫން. ގާނޫނުގައިވާގޮތުގެ މަތިން މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރު ވަނީ.” ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނުގައިވާ ގޮތުން ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ މެދު އީސީން ނިންމާ ގޮތަކާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަސް ލިބޭނެ އެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހަޅާ އެފަދަ މައްސަލަތައް ހަތް ދުވަސްތެރޭ ނިންމަން ޖެހެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަ މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން