ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރުދީ ބިރު ދެއްކި މައްސަލަ ޕީޕީއެމުން ކުށްވެރިކޮށްފިއެވެ.

ޑރ. މުއިއްޒުއަށް މަރުގެ އިންޒާރުދީ އަނބިކަނބަލުންގެ ފޯނަށް ތައިލޭންޑް ނަންބަރަކުން ކޮށްފައިވާ މެސެޖުގައި ތުހުމަތު ކޮށްފައިވަނީ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ނިންމަވާފައިވާ ނިންމުންތައް ބަދަލު ކުރަން މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެއެވެ. މުޢިއްޒުގެ ފަރާތުން މި މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ ރަނިންމޭޓަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށާއި އެޕާޓީގެ ކެންޑިޑޭޓަކަށް ވާނީ ވެސް ޑރ. ޖަމީލް ކަމަށް މެސެޖުގައިވެއެވެ. އަދި ރައީސް ޔާމީންގެ ޕްލޭން ބީ އާއި އަދި ސީއަކީވެސް އެއީ ކަމަށާއި އެއާއި ދެކޮޅަށް ޑރ. މުއިއްޒު މަސައްކަތް ކުރަށްވައިފިނަމަ ޣައްދާރެއް ކަމަށް ނިންމާނެ ކަމަށްވެސް ވަނީ ބުނެފައެވެ.





މުޢިއްޒަށް ދިން އިންޒާރު ކުށްވެރިކޮށް ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މުއިއްޒަށް ބިރު ދެއްކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، އެ މައްސަލަ ބަލައިދިނުމަށް ފުލުހުންގެ ކިބައިން ވަނީ އެދިފައެވެ.

"މުޢިއްޒަށް ހަމަލާދޭނެކަމަށް ބުނެ ބިރުދައްކާ މަރުގެ އިންޒާރު ދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މިފަދަ ނާތަޙުޒީބު ދަށުދަރަޖައިގެ ފިނޑި ޢަމަލުތަކުން، މިކޯލިޝަންގެ ލީޑަރޝިޕްގައި ބައިބައި ކުރެވިދާނެކަމަށް ހީކުރުމަކީ އެކަން އެކުރާ ބަޔަކަށް ކުރެވޭ ކުށްހީއެކެވެ،" ބަޔާނުގައި ވެއެވެ.

ހަމައެއާއެކު އިދިކޮޅު ލީޑާޝިޕާއި ސެނެޓް ވެސް މަސައްކަތް ކުރާނީ އެފަދަ ބިރުދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރ، ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ދިފާއުގައި ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ރިޔާސީ ކެންޑިޑޭޓްގެ މައްސަލާގައި ޕީޕީއެމްގެ ލީޑަރޝިޕް ބައިބައި ވެފައިވާއިރު ރައީސް ޔާމީން މިހާރު އަންގަވާފައިވަނީ އިދިކޮޅު ކޯލިޝަންގެ ސެނެޓުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅުއްވައި ދެއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން