ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ 4 ގައުމެއްގައި ކަމަށާއި އަނެއް 4 ގައުމުގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް މީހުން ރީ-ރެޖިސްޓްރީކޮށްފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަނަށް ހުށައެޅޭނެ އެންމެ ފަހު ވަގުތަކީ އޮގަސްޓް 2 ވާ ބުދަދުވަހުގެރޭ 12:00 ކަމަށް ކަނޑައަޅުއްވާފައެވެ. ރިޔާސީ އިންތިޚާބުގައި އެމީހަކު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާ ފަރާތްތަކުން ރީ-ރެޖިސްޓަރވުމަށް ހުޅުވާލީ ޖުލައި 16ވަނަ ދުވަހުން ފެށިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ، މެލޭޝިޔާ އާއި އިނގިރޭސި ވިލާތުގެ އިތުރުން، އިންޑިޔާގެ ޓްރިވެންޑްރަމާއި، ސްރީލަންކާގެ ކޮލަމްބޯގައި ކަމަށެވެ.

“ސިންގަޕޫރު، ތައިލޭންޑް، އަބޫދާބީ އަދި ޖަޕާނުގައި ވޯޓުފޮށި ބެހެއްޓޭވަރަށް ވޯޓުލާ މީހުން އަދި ރަޖިސްޓަރީ ވެފައިނުވޭ.” ޙަބީބު ވިދާޅުވިއެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެއަށް ރީ-ރެޖިސްޓްރީކޮށް ވޯޓުލީ މީހުން، ރިޔާސީ އިންތިޚާބުގައިވެސް މާލެއަށް ވޯޓުލާނަމަ އަލުން ރެޖިސްޓްރީވާން ނުޖެހޭނެކަމަށް އިލެކްޝަން ކޮމިޝަނުން މަޢުލޫމާތުދެއެވެ. އިލެކްޝަނުން ނިންމާފައިވަނީ ރާއްޖޭން ބޭރުގައި 13 ވޯޓު ފޮއްޓެއް ބެހެއްޓުމަށެވެ.



ރިޔާސީ އިންތިޚާބު ބޭއްވުމަށް ކުޑަތަން ވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ 2023 ޖުލައި 29 ގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅީ 11933 ފޯމު ކަމަށެވެ. މީގެ ތެރެއިން 8624 ފޯމު ލިބިފައިވަނީ އޮންލައިން ކޮށް ކަމަށް ޙަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި 604 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 282406 އެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓް 7 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން