ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އިއްޔެ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށައެޅިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ އީސީން ބަލައިނުގަތުމުން މިއަދުގެ ފަތިހުގެ ވަގުތެއްގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ހާމަކުރެއްވި ރައީސް ޔާމީންގެ ރަނިންމޭޓް އަދި އެމަނިކުފާނުގެ އިސްވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިހާރު އެ ކޯޓުގެ ރެޖިސްޓްރާ ވަނީ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދެއްވައިފައެވެ.

އީސީން ބުނެފައިވަނީ ރައީސް ޔާމީނަކީ ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ ފަރާތެއް ކަމަށާއި އެޙުކުމް ތަންފީޒުކޮށް ނިމިފައި ނުވާކަން ކުށުގެ ރެކޯޑަށް ބެލުމުން އެނގޭކަމަށެވެ. އެހެންކަމުން ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިގައި ފުރިހަމަ ނުވާކަމަށް އީސީގެ ނިންމުމުގައިވެއެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ރަނިންމޭޓް އަދި އެމަނިކުފާނުގެ އިސްވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގާނޫނީގޮތުން ގޯސްކޮށް ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގުކޮށްގެން ކަމަށެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނުގައިވާ ގޮތުން ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ މެދު އީސީން ނިންމާ ގޮތަކާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަސް ލިބޭނެ އެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހަޅާ އެފަދަ މައްސަލަތައް ހަތް ދުވަސްތެރޭ ނިންމަން ޖެހެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަ މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން