ކުރިޔަށްއޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ރައީސް ޞާލިޙަށް އޮތް އެންމެ ފަސޭހަ ފޯމިއުލާއަކީ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. ޖަމީލް ވާދަކުރެއްވުން ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ޑރ. ޖަމީލެވެ. އަދި އެމަނިކުފާނަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭ ޙާލަތުގައި ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރަށްވާނީ ޑރ. ޖަމީލްކަމަށް މަޢުލޫމާތު ލިބެއެވެ.

އެކަމާ ގުޅިގެން އިމްރާން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޑރ. ޖަމީލު ކަމަށް ނިންމާނެ ނަމަ ހާދަ ރަނގަޅޭ ބައެއްފަހަރު ހިތައް އަރާކަމަށެވެ.

“ރައީސް ޞާލިޙަށް އެއްބުރުން ކާމިޔާބު ކުރުމަށް އެންމެ ފަސޭހަ ފޯމިއުލާ އަކަށްވާނީ އެ ފޯމިއުލާ.” އިމްރާން ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވާ ޑރ. ޖަމީލަކީ 2013 ވަނަ އަހަރު ރައީސް ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއިރު އެމަނިކުފާނުގެ ނައިބު ރައީސަކަށް ހުންނެވި ބޭފުޅާއެވެ. އަދި މިހާރު ޝަރުޢީ ކޯޓުތަކުގައި ކުރިއަށްދާ ރައީސް ޔާމީންގެ މައްސަލަތަކުގައި އިސްވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަށްވަނީވެސް ޑރ. ޖަމީލެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާއިރު އެކޯޓުން މިހާރުވަނީ މައްސަލަ ހުށައެޅުމުގެ ހުއްދަ ރައީސް ޔާމީނަށް ދީފައެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަ މިވަގުތު އޮތީ މަޑުޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން