ހއ. ފިއްލަދޫ އާއި ބާރަށުގައި ސަރުކާރުން ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްފިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ހއ. ފިއްލަދުއަށް ވަޑައިގެން އެރަށުގައި ފެނާއި ނަރުދަމާނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

އޭގެ އިތުރުން ފިއްލަދޫ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރިބަޔާއި ހއ. ބާރަށު ފުޓްސަލް ދަނޑު ރަސްމީގޮތުން ހުޅުވައިދެއްވީވެސް ރައީސް ޞާލިޙެވެ.

ފިއްލަދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ސާސް.އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި އެރަށު ޞިއްޙީ މަރުކަޒަށް އިތުރުކުރި ޢިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި ޢިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ އޮފީސް، ގަރާޖު އަދި ލޯންޑްރީ ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި ހއ. ބާރަށު ފުޓްސަލް ދަނޑަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދަނޑެކެވެ.

ރައީސް އޮފީހުން ބުނީ އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައި ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން