ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނާއި ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް ގޮނޑިތަކެއް ޚާއްސަކުރުމާގުޅޭ އިސްލާޙެއް ހުޅުދޫ ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓު، އިލްޔާސް ލަބީބު މިއަދު ހުށައަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްޔާސްވަނީ ޤާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް ހުށައަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. އިލްޔާސް ވިދާޅުވީ އެއިސްލާޙަކީ ދަ ޑިމޮކްރެޓްސްގެ “މުޅި ރާއްޖެ މަޖިލިސް: ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތު” ސިޔާސަތުގެ ދަށުން ހުށައެޅި އިސްލާޙުތަކެއް ކަމަށެވެ.

އިލްޔާސް މިފަދަ އިސްލާޙެއް ޤާނޫނުއަސާސީއަށް ހުށައަޅުއްވާފައި ވާއިރު ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވާ 87 މެމްބަރުންގެ ޢަދަދު މިއަންނަ ދައުރުގައި 93 އަށް އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން އިލްޔާސް މިއަދު ހުށަހަޅުއްވާފައިވަނީ، މަޖިލީހުގެ މެމްބަރުންގެ އަދަދު 76 އަށް މަދުކުރުމަށެވެ. އެއީ މިހާރުގެ މަޖިލީހަށްވުރެ 11 މެމްބަރުން މަދު އަދަދެކެވެ.

އެގޮތުން އަތޮޅުތަކުންނާއި މާލެއިން އިންތިހާބު ކުރާ 55 ގޮނޑި އާއި އަންހެނުންނަށް ހާއްސަ 8 ގޮނޑި އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް 2 ގޮނޑި އަދި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ލިބޭ ގޮތަށް 11 ގޮނޑި ހިމެނުމަށްވަނީ ހުށައަޅާފައެވެ.

އިލްޔާސް ވިދާޅުވީ އަންހެން މެމްބަރުންނަށް ޚާއްސަ ދާއިރާތަކަށް ކުރިމަތިލެވޭނީ އަންހެނުންނަށް އެކަނިކަމަށާއި، ރާއްޖޭގެ ހަތަރު ސަރަހައްދަކުން، ކޮންމެ ސަރަހައްދަކުން އަންހެން ދެ މެމްބަރުން އިންތިޚާބުކުރާނެ ކަމަށެވެ.

އޭގެ އިތުރުން މަޖިލީހުގެ މެމްބަރުން ގަޑިޖެހޭ ގޮތާއި މެންބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ގާނޫނުގައި ހިމެނުމަށް ވެސް ޑިމޮކްރެޓުން ވަނީ ހުށައަޅާފައެވެ. ހަމައެއާއެކު ދައުރުގެ ތެރޭގައި މެމްބަރަކު ވަކިކުރުމަށް އެ މެމްބަރަކު އިންތިހާބުކުރާ ދާއިރާއެއްގެ ރައްޔިތުންނަށް ފެނިއްޖެ ހިނދެއްގައި މެމްބަރު ވަކިކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގޭނެގޮތެއް ގާނޫނުގައި ކަނޑައެޅުންވެސް ޤާނޫނަށް ގެންނަ އިސްލާޙުގައިވެއެވެ.

އިލްޔާސް ވިދާޅުވީ މި ހުށައެޅުމާ ބަރުލަމާނީ ނިޒާމަށް ރާއްޖެ ބަދަލުކުރުމާ ގުޅުމެއްނެތް ކަމަށާއި ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި އެގޮތަށް ރައްޔިތުން ރުހޭކަމަށް ވާނަމަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން