މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ ރަނިންމޭޓް އިޢުލާނުކުރުން އަންނަ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކާނަލް ނާޒިމްގެ ރަނިންމޭޓަކަށް ހަމަޖައްސަވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔަރޑް ޑރ. ޢަބްދުﷲ ފައިރޫޝް އެވެ. އައްޑޫ ފޭދުއަށް ނިސްބަތްވާ ޑރ. ފައިރޫޝްގެ ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް އެމްއެންޕީން ވަނީ ކޮށްފައެވެ.

ނާޒިމްގެ ރަނިންމޭޓް އިއުލާނު ކުރާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ބިލަބޮން ހައި ސުކޫލުގެ ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ޖަލްސާއެއްގައި ކަމަަށް އެ ޕާޓީން ބުނެއެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓް އަހުމަދު އުޝާމް މީގެ ކުރިން ވިދާޅުވީ ޑރ. ފައިރޫޝް އަކީ ކެމްޕެއިން މަސައްކަތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅެއްކަމަށެވެ. އޭގެ އިތުރުން ރަނިންމޭޓަކަށް ހަމަޖައްސާނެ ބޭފުޅުންތަކެއްގެ ނަން ހުށަހެޅި ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރެއްވުމަށްފަހު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ޑރ. ފައިރޫޝް ރިޓަޔަރ ކުރެއްވީ ޖެނުއަރީ 2، 2021 ގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ފުލުހުންގެ ވަޒީފާއިން ވަކިކުރި ޑރ. ފައިރޫޝަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުއެވެ.

ރައީސް މުޙައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު އިސްތިއުފާ ދެއްވުމަށްފަހު ވަގުތީ ގޮތުން ފުލުހުންގެ އިސްވެރިއަކަށް ހުންނެވީ ވެސް ފައިރޫޝް އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންގެ ނަން ހުށައެޅުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައިވާ އިރު، އެކަމުގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 7 އަށެވެ. ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން