ރިޔާސީ އިންތިޚާބުގައި ވާދަކުރަން އިދިކޮޅު ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް ޕީއެންސީން ރަސްމީކޮށް ނިންމައިފިއެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ދެއްކުމަށް ޕީއެންސީއަށް އަންގާފައެވެ. އަދި އެ ބޭފުޅަކީ ޕީއެންސީއާއި ޕީޕީއެމްގެ ލީޑަރޝިޕުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅަކަށް ވާންޖެހޭނެކަމަށްވެސް ރައީސް ޔާމީން އަންގަވާފައިވެއެވެ.

47 ސެނެޓަރުންނާ އެކު ޕީޕީއެމްގެ މައި އޮފީހުގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ، ޕީއެންސީން އިންތިޚާބުގައި ވާދަކުރުމާ މެދު ރަސްމީކޮށް ގޮތެއް ނިންމުމާއި އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް އަމަލު ކުރާނެ ގޮތެއް ނިންމައި، އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމެވެ.

މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ބައިވެރިވި 47 ސެނެޓަރުންގެ ތެރެއިން 44 ސެނެޓަރުންގެ އިއްތިފާގުން އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ދާދި ދެންމެއަކު ވަނީ ފާސްކޮށްފައެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވާދަކުރަން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާއިރު އެކޯޓުން މިހާރުވަނީ މައްސަލާގައި ޖަވާބުދާރީވުމަށް އީސީ އަށް އަންގާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަ މިވަގުތު އޮތީ މަޑުޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން