ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން މިއަދު ހަވީރު އެ ޕާޓީގެ ސެނެޓުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ ސެނެޓުގެ ބައްދަލުވުމުގައި ނިންމާފައިވަނީ އެ ބައްދަލުވުން މިއަދު ހަވީރު 4:00 ގައި ބޭއްވުމަށެވެ.

މިއަދުގެ ސެނެޓް ބައްދަލުވުމުގައި އެޕާޓީގެ އަސާސީ ޤަވާއިދަށް ބައެއް އިސްލާޙުތައް ވަނީ ގެނެސްފައެވެ. އެ ގޮތުން ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމުގެ ބާރު ސެނެޓަށް ދީފައިވާއިރު، ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކުން މިއަދު މެންދުރުފަހު 2:00 އަށް އެޕާޓީއަށް އެންގުމަށްވެސް ވަނީ ފާސްކޮށްފައެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވާދަކުރަން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާއިރު އެކޯޓުން މިހާރުވަނީ މައްސަލާގައި ޖަވާބުދާރީވުމަށް އީސީ އަށް އަންގާފައެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ވަކިގޮތަކަށް ނިމިފައިނުވާތީ ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ދެއްކުމަށް ޕީއެންސީއަށް އަންގާފައެވެ. އަދި އެ ބޭފުޅަކީ ޕީއެންސީއާއި ޕީޕީއެމްގެ ލީޑަރޝިޕުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅަކަށް ވާންޖެހޭނެކަމަށްވެސް ރައީސް ޔާމީން އަންގަވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން