ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާލެސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ.

މުއިއްޒު ޕީއެންސީއަށް ސޮއި ކުރަށްވާފައިވާއިރު ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދުގެ މެންދުރު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޑރ. މުޢިއްޒު ވަނީ ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ޕީއެންސީން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން މިއަދު ހަވީރު 4:00 ގައި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށެވެ.

މިއަދު ބޭއްވި ޕީއެންސީގެ ސެނެޓް ބައްދަލުވުމުގައި އެޕާޓީގެ އަސާސީ ޤަވާއިދަށް ބައެއް އިސްލާޙުތައް ވަނީ ގެނެސްފައެވެ. އެ ގޮތުން ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމުގެ ބާރު ސެނެޓަށް ވަނީ ދީފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާއިރު އެކޯޓުން މިހާރުވަނީ މައްސަލާގައި ޖަވާބުދާރީވުމަށް އީސީ އަށް އަންގާފައެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ވަކިގޮތަކަށް ނިމިފައިނުވާތީ ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ދެއްކުމަށް ޕީއެންސީއަށް އަންގާފައެވެ. އަދި އެ ބޭފުޅަކީ ޕީއެންސީއާއި ޕީޕީއެމްގެ ލީޑަރޝިޕުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅަކަށް ވާންޖެހޭނެކަމަށްވެސް ރައީސް ޔާމީން އަންގަވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން