ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަ ކުރަށްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެ ޕާޓީގެ ސެނެޓްގެ މެމްބަރުންގެ މެދުގައި ބޭއްވި އިންތިޚާބު މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިއެވެ.

ޑރ. މުއިއްޒު ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވީ ޕީއެންސީގެ ސެނެޓުން ދެންމެ ނެގި ސިއްރު ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

މިވޯޓުގައި ޖުމްލަ 48 ސެނެޓަރުން ވަނީ ވޯޓު ލައްވާފައެވެ. ސިއްރު ވޯޓުން ޑރ. މުއިއްޒަށް ލިބިވަޑައިގަތީ ޖުމްލަ 25 ވޯޓެވެ. އޭނާއާ ވާދަކުރެއްވި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ޕީއެންސީއާ އެއްކޯލިޝަނެއްގައި އޮތް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ ރިޔާސީ ކެންޑިޑެސީގެ މައްސަލަ ވަކިގޮތަކަށް ނިމިފައިނުވާތީ ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ދެއްކުމަށް ޕީއެންސީއަށް އަންގާފައެވެ. އަދި އެ ބޭފުޅަކީ ޕީއެންސީއާއި ޕީޕީއެމްގެ ލީޑަރޝިޕުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅަކަށް ވާންޖެހޭނެކަމަށްވެސް ރައީސް ޔާމީން އަންގަވާފައިވެއެވެ.

މިހާރު މާލޭސިޓީގެ މޭޔަރުގެ މަޤާމުގައި ހުންނެވި ޑރ. މުޢިއްޒު ވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުން ފެށިގެން ރައީސް ޔާމީންގެ ވެރިކަން ނިމުމާ ހަމަޔަށް 7 އަހަރުވަންދެން ހައުސިންގ މިނިސްޓަރުކަން ކުރަށްވާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މާލޭ ސަރަޙައްދުގައި ހިންގާފައިވާ ޢުމްރާނީ ބޮޑެތި މަސައްކަތްތައް ކަމަށްވާ ސިނަމާލޭ ބްރިޖާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމާއި ހުޅުމާލޭ ފޭސް 2 ގައި ޢިމާރާތް ކޮށްފައިވާ ހަތް ހާސް ފްލެޓާއި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ހިންގަވާފައިވަނީ ޑރ. މުޢިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

ޑރ. މުޢިއްޒު މީގެކުރިންވަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ޕީޕީއެމްގައި އިސް ދައުރެއް އަދާކުރަށްވާފައެވެ. ޕީޕީއެމްގެ ނައިބު ރައީސް ކަމުންނާއި މެމްބަރުކަމުން އިސްތިއުފާ ދެއްވައި ޑރ. މުއިއްޒު ޕީއެންސީ އާ ގުޅިވަޑައިގަތީ މިއަދު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން