މީގެފަހުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވާނީ އެކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިގޮތަށް ނިންމީ ކީއްވެގެންކަމެއް އެކޮމިޝަނުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އަބަދުވެސް އެކޮމިޝަނުން މީޑިއާއަށް މަޢުލޫމާތު ދިނުމާއި ކޮމިޝަނުން މަޢުލޫމާތު ހޯދަން މީޑިއާއިން މަސައްކަތްކުރާ މިންވަރު އިތުރުވެއެވެ. މިހާތަނަށް އެކޮމިޝަނުގެ ރައީސާއި ނައިބު ރައީސްވެސް މީޑިއާއަށް މަޢުލޫމަތުދެއްވައެވެ. އަދި ކޮމިޝަނުން ކަނޑައަޅާފައި ހުންނަ ޚާއްސަ މީޑިއާ އޮފިޝަލެއްވެސް ހުރެއެވެ. މިއިން ކޮންމެ ފަރާތަކުންވެސް މަޢުލޫމާތު ލިބެއެވެ. އަދި މީޑިއާއަށް މަޢުލޫމާތު ދޭވެސް މެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ހާމަކުރިއިރު މިދަނޑިވަޅަކީ އެކޮމިޝަނުގެ މެމްބަރުންގެ މެދުގައި ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤާމެދު ނުތަނަވަސްކަމެއް އުފެދިފައިވާ ދުވަސްވަރެކެވެ. ފުވާދުގެ އިތުބާރު ނެތްކަމަށް ދާދިފަހުން ކޮމިޝަނުން ފާސްވެސްކުރިއެވެ. އެހެންނަމަވެސް މިހާރު ޤާނޫނު އޮންނަގޮތުން ކޮމިޝަނުގެ މެމްބަރުން އިތުބާރު ނެތްކަމަށް ފާސްކުރުމަކީ ބުރަދަނެއް ހުރި ނިންމުމެއް ނޫނެވެ. އެހެންކަމުން އެއަކުން ފުވާދަކަށް ކުރާނެ އަސަރެއް ނެތެވެ.

ފުވާދުގެ އިތުބާރު ނެތްކަމަށް އީސީން ފާސްކުރި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރިޔާސަތުގައި އިންނެވި ހަބީބާއެކު 4 މެމްބަރެކެވެ. ފާސްކުރީ ހަބީބު ފިޔަވައި ދެން ތިއްބެވި އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފުގެ ވޯޓުންނެވެ. އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފުވަނީ ފުވާދާއެކު އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެސް ނުވާނެކަމަށާ، އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް ވިދާޅުވެފައިކަމަށް މަޢުލޫމާތު ލިބެއެވެ.

އެހެންކަމުން ރިޔާސީ އިންތިޚާބާ ގުޅޭ އެންމެހައި ކަންކަމުގައި މަސައްކަތްކުރުމާއި ކޮމިޝަން ހިންގުމުގެ ކަންކަންވެސް ފުވާދުވަނީ ނައިބުރައީސް އިސްމާޢީލް ޙަބީބާ ޙަވާލުކުރަށްވާފައި ކަމަށް މަޢުލޫމާތުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން