އެންމެ ފަހުވަގުތަށް މަޑުނުކުރައްވާ އަވަހަށް ރީ-ރަޖިސްޓްރީ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު މިއަދު ވިދާޅުވީ ރަށްވެހިވެފައިވާ ރަށްނޫން، އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އަދި ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު، އިލެކްޝަންސް ކޮމިޝަނުން އިތުރުނުކުރާނެ ކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.

ޙަބީބް ވަނީ، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ހުރިހާ ބޭފުޅުންވެސް އެބޭފުޅަކު މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އޭގެއިތުރުން މިހާރު ރަޖިސްޓަރީ ވެފައިވަނީ ވޯޓުލާ ދުވަހު ހުންނަވާ ރަށުގައި ނޫންކަމަށްވާނަމަ، ވޯޓުލައްވަން ބޭނުންފުޅުވާ ތަނަކަށް އަވަހަށް ރީ-ރަޖިސްޓްރީ ކުރެއްވުމަށް ހަބީބް އިލްތިމާސް ކުރެއްވިއެވެ.

“ދެވަނަ ފުރުސަތެއް ލިބިވަޑައި ނުގަންނަވާނެ ކަމަށް ބައްލަވާ. ރީ-ރަޖިސްޓްރޭޝަނަށް އިތުރު މުއްދަތު ދެވެންނެތީ، އިންތިހާބުގެ މަސައްކަތްތަކުގެ އިންތިޒާމުތަކަށް ބުރޫއަރާނެތީ.” ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ ރާއްޖޭން ބޭރާއި ރިސޯޓްތަކަށް ރީ-ރަޖިސްޓްރީ ކުރައްވާފައިވާ ބޭފުޅުންނަށް މިހާރު ރަޖިސްޓްރީކޮށްފައިވާ ތަނުގައި ވޯޓުފޮށްޓެއް ނުބެހެއްޓޭ ޙާލަތުގައި، ދެވަނަ ފުރުސަތެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

“އެންމެ ފަހުވަގުތަށް މަޑުނުކުރައްވާ، ރީ-ރަޖިސްޓްރީ ގެ ކަންތައްތައް ނިންމެވުމަށް، ހުރިހާ ބޭފުޅުންނަށް އަދި ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށް، އީސީ އިން އިލްތިމާސް ކުރައްވާ!” ޙަބީބް ވިދާޅުވިއެވެ.



އޭގެއިތުރުން މިހާރު ރަޖިސްޓަރީ ކުރެވިފައިވާތަން ޗެކްކޮށް ލެއްވުމަށް، ވީއާރު ޖެއްސެވުމަށްފަހު، އައިޑެންޓިޓީ ކާޑުގެ ނަންބަރު ޖައްސަވާ 1414 އަށް އެސްއެމްއެސް ކޮށްލެއްވުމުން ވޯޓުލާން ޖެހޭ މަރުކަޒު އެނގޭނެކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.

އީސީން އެންމެ ފަހުން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ބުދަ ދުވަހުގެ މެންދުރު 3 ޖެހުމާ ހަމައަށް ރީރަޖިސްޓްރީވުމަށް އޮންލައިންކޮށް އަދި ކަރުދާސް ފޯމުން ޖުމްލަ 29،951 ފޯމު ހުށައަޅާފައިވެއެވެ. މީގެތެރެއިން 24،370 މީހެއްގެ ފޯމު ރީރަޖިސްޓްރީ ކޮށްދީފައިވާއިރު 5544 މީހެއްގެ ފޯމު އެކިސަބަބުތަކާހުރެ ބަލައިގެންފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގައި އަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރި ނަމަވެސް ފޮށި ބެހެއްޓޭ ވަރަށް މިހާތަނަށް ރީ-ރަޖިސްޓްރީ ކޮށްފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި މެލޭޝިއާ އާއި އިނގިރޭސިވިލާތް އަދި ސްރީލަންކާގައެވެ.

ސިންގަޕޫރު، ތައިލޭންޑް، އަބޫދާބީ އަދި ޖަޕާނުގައި ވޯޓުފޮށި ބެހެއްޓޭވަރަށް ވޯޓުލާ މީހުން މިހާތަނަށް ރަޖިސްޓަރީ ނުވާކަމަށް އީސީން މަޢުލޫމާތުދެއެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެއަށް ރީ-ރެޖިސްޓްރީކޮށް ވޯޓުލީ މީހުން، ރިޔާސީ އިންތިޚާބުގައިވެސް މާލެއަށް ވޯޓުލާނަމަ އަލުން ރެޖިސްޓްރީވާން ނުޖެހޭނެކަމަށްވެސް އިލެކްޝަން ކޮމިޝަނުން މަޢުލޫމާތުދެއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި 604 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 282406 އެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓް 7 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން