މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން އޮންނާނީ އަންނަ ބުދަ ދުވަހު ކަމަށް އީސީން ހާމަކޮށްފިއެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓް 7 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި، ގުރުއަތުލުން އޮންނާނީ، 2023 އޮގަސްޓު 9 ވާ ބުދަދުވަހުގެ ހަވީރު 4:30 ން 5:30 އަށް، ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.

“މި ރަސްމިއްޔާތުގައި، ކެންޑިޑޭޓަކަށް ބައިވެރި ނުވެވޭ ޙާލަތުގައި، މަންދޫބަކު ބައިވެރިވެ ކުރެވިދާނެ. މިކަމާގުޅޭ ތަފްސީލް، އީސީ އިން ކެންޑިޑޭޓުންނަށް އަންގާނެ.” ޙަބީބު ވިދާޅުވިއެވެ.

އިންތިޚާބުގައި ވާދަ ކުރަށްވާނެކަން އިޢުލާނު ކުރަށްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައެޅުއްވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން އެވެ. ނަމަވެސް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އީސީން ބަލައިގެންފައެއް ނުވެއެވެ.

އިންތިޚާބުގައި ވާދަކުރަށްވާނެކަން އިޢުލާނު ކުރަށްވައި ކެމްޕޭން ކުރަށްވަމުން ގެންދަވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމާއި އެމްއެންޕީ ގެ ކެންޑިޑޭޓް ކާނަލް ނާޒިމާއި އެމްއާރުއެމްގެ ކެންޑިޑޭޓު ފާރިސް މައުމޫނާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އަމިއްލަ ގޮތުން ވާދަކުރަށްވާ ޢުމަރު ނަސީރެވެ.

އޭގެ އިތުރުން ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ޙާލަތުގައި ޕީއެންސީގެ ފަރާތުން ޑރ. މުޢިއްޒު އިންތިޚާބުގައި ވާދަކުރަށްވާނެކަން މިހާރުވަނީ އިޢުލާނުކޮށްފައެވެ.



މި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 282406 އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން