ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ އާއި ގުޅޭ މައްސަލައިގެ އަޑުއެހުމެއް މިއަދު 2:30 އަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓު ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދު ކެނޑިއްޖެއެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރިމް ކޯޓަށް ހުށަހެޅުމުން، އެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދު 2:30 އަށެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑުނީ ސުޕްރީމް ކޯޓު ހިމެނޭ މުޅި ސަރަހައްދުން ކަމަށެވެ. އަދި އެގޮތަށް މެދުވެރިވީ ސްވިޗް ގިއާއެއް ފެއިލް ވެގެން ކަމަށާއި މައްސަލަ ހައްލުކޮށް ވަރަށް އަވަހަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައިވާ މި މައްސަލައަށް ސުޕްރީމް ކޯޓުން ދައުލަތް ތަދައްހުލު ކުރުވާފައިވާތީ، އެ މައްސަލައިގައި ބަންޑާރަނައިބުގެ ފަރާތުން ކޯޓަށް ހާޒިރުވުމަށް ނިންމާފައިވާއިރު، ރައީސް ޔާމީނަށް ތާއީދުކުރާ އެންމެހާ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށް ކަމަށް ބުނެ ޕީޕީއެމުންވެސް ވަނީ މައްސަލައިގެ ތެރެއަށް ތަދައްޚުލުވެފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށައެޅިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނުގައިވާ ގޮތުން ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ މެދު އީސީން ނިންމާ ގޮތަކާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަސް ލިބޭނެ އެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހަޅާ އެފަދަ މައްސަލަތައް ހަތް ދުވަސްތެރޭ ނިންމަން ޖެހެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަ މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން