ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާނެ ކަމަށް އެޕާޓީގެ މުޢައްސިސް ޙަސަން ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޙަސަން ވިދާޅުވީ އިލްޔާސްގެ ކެންޑިޑެސީ ފޯމު ހުށައެޅުމުން އެޕާޓީގެ ރަނިންމޭޓަކީ ކޮންބޭފުޅެއްކަންވެސް އެނގިގެން ދާނެކަމަށެވެ.

ޙަސަން ވިދާޅުވީ އިލްޔާސްގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށައެޅި ނަމަވެސް ކޮމަން ކެންޑިޑޭޓަކަށް އޮތް ދޮރު ބަންދު ނުވާކަމަށެވެ. އަދި އެޕާޓީން ދަނީ ޖުމްހޫރީ ޕާޓީއާއި އެހެނިހެން ސިޔާސީ ފަރާތްތަކާއެކުވެސް މަޝްވަރާތައް ބާއްވަމުން ކަމަށާއި ކޮމަން ކެންޑިޑޭޓަކު ނެރެން ފުރުސަތު ލިބިއްޖެ ނަމަ އޭގެ ބޭނުން ހިފާނެ ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންއަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވޭނެ ކަަމަށް މިހާރު ގަބޫލު ނުކުރެއްވޭ ކަމަށާއި ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅުން ގްރޫޕެއްގެ ގޮތުގައި ޑިމޮކްރެޓްސްއާއެކު މަސައްކަތް ކުރެއްވުމަށް ދަޢުވަތު ދެއްވާފައިވާކަމަށްވެސް ޙަސަން މިރޭ ވިދާޅުވިއެވެ.

ޙަސަން މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލާގައި ސުޕްރީމް ކޯޓުން މާދަމާގެ ވަގުތެއްގައި ގޮތެއް ނިންމަވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު