ޑރ. ފަރަހަނާޒް ފައިސަލް
ޑރ. ފަރަހަނާޒް ފައިސަލް
މި ދައުރުގައި ޚާރިޖީ ދާއިރާއިން ރާއްޖެ ކުރިއަށް މިދިޔައީ ރާސްޓަސްލާފައި ކަމަށް އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފަރަހަނާޒް މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދު ހޯދުމަށް ގަލޮޅު ދެކުނު ދާއިރާގައި މިރޭ ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ޑރ. ފަރަހަނާޒް ވިދާޅުވީ ރައީސް ޞާލިޙް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ޚާރިޖީ ދާއިރާގައި ދިވެހިރާއްޖެ އޮތީ ދުނިޔޭގަ ކަޅު އަނދިރި ވަޅުގަނޑެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙާއި ޚާރިޖީ ވަޒީރު ޝާހިދުގެ މަސައްކަތްޕުޅުން މިއަދު އެކަން ވަނީ ބަދަލު ކުރަށްވާފައިކަމަށް ފަރަހަނާޒް ވިދާޅުވިއެވެ.

ފަރަހަނާޒް ވިދާޅުވީ ކުރީ ސަރުކާރުން ވަނީ ރާއްޖެ ބައިނަލްއަޤުވާމީ ދުނިޔެއާ އެކަހެރިކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއާމެދު އެހެނިހެން ޤައުމުތަކުން ދެކެމުން އައީ ގޯސް ނަޒަރަކުން ކަމަށެވެ.

“އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މިއަދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރައީސްކަމުގައި އަޅުގަނޑުމެންގެ ވަޒީރު ޢަބްދުالله ޝާހިދުގެ މޭސްތިރިކަމުގައި އަޅުގަނޑުމެން މިދިޔައީ ހަމަސީދާ ކުރިޔަށް އިނގޭތޯ! ރާސްޓަސް ލާފަ.” ޑރ. ފަރަހަނާޒް ވިދާޅުވިއެވެ.

ޑރ. ފަރަހަނާޒް މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙްގެ ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ފާހަގަކުރަމުންދަނީ ޚާރިޖީ ދާއިރާއިން ރާއްޖޭން ހޯދާފައިވާ ބޮޑު ކުރިއެރުމެވެ.



ކިޔުންތެރިންގެ ހިޔާލު