ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމަވާފައިވާ ކަމަށް އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ހަމަޖައްސަވައިިފިއެވެ.

ފާރިސް މިރޭ މީސްމީޑިއާގައި ޢާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ރިޔާސީ ރަނިންމޭޓެއްގެ ގޮތުގައި ޑޮކްޓަރ ޢަބްދުއް ސައްތާރު ޔޫސުފް ހަމަޖައްސަވާފައިވާ ކަމަށެވެ. ޑޮކްޓަރ ޢަބްދުއް ސައްތާރަކީ ގިނަ އަހަރުތަކެއްވަންދެން ރައްޔިތުންނަށް ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރަށްވާފައިވާ ބޭފުޅެއްކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ޑޮކްޓަރ އަބްދުއްސައްތާރު ޔޫސުފަކީ، ޞިއްޙީ ދާއިރާގައި ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން، ޑަބްލިޔުއެޗްއޯގައި 17 ވަރަކަށް އަހަރު ޚިދުމަތް ކުރަށްވައި، ހިންގުމުގެ ދާއިރާގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

މި ވީޑިއޯ މެސެޖްގައި ޑޮކްޓަރ ޢަބްދުއް ސައްތާރު ވިދާޅުވީ ޤައުމު މިއަދު މިއޮތް ހިސާބުން މާ ރަނގަޅު ހިސާބަކަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަށްވާނެ ކަމަށެވެ.



ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން މިއަދު ވަނީ ރައްޔިތުން އެދޭ ގޮތުގެ މަތިން ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގުސަދުގައި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަށްވަން ނިންމާފައިވާކަން އިޢުލާނު ކުރަށްވާފައެވެ.

ފާރިސް ވަނީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށްޓަކައި ގާނޫނުގައި ބުނާ 1،500 މީހުންގެ ސޮއި ވެސް މިދިޔަ ހަފްތާގެ ތެރޭގައި ހަމަކުރަށްވާފައެވެ.

ފާރިސް އަމިއްލަ ގޮތުން ވާދަކުރަށްވަން ނިންމެވިއިރު އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްއާރްއެމްގައި 3،000 މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވައިލަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އެ ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުގެ އަމުރަކުން ވަނީ ހުއްޓުވާފައެވެ.

ރިޔާސީ އިންތިޚާބަަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މާދަމާގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން