ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ފުރިހަމަ ތާޢީދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއަށް އޮތްކަމަށް ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ޑރ. ޖަމީލަކީ މިފަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީނާ އެކު ރަނިންމޭޓެއްގެ ގޮތުގައި ނިކުންނެވުމަށް ހަމަޖެއްސެވި ފަރާތެވެ. ނަމަވެސް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައެއް ނުވެއެވެ.

ޑރ. މުޢިއްޒުގެ ކެންޑިޑެސީއާމެދު ޕީޕީއެމްގެ ތެރޭގައި އިއްޔެ ހިނގައިދިޔަ ކޯޅުންތަކަށްފަހު މުޢިއްޒު މިއަދުވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައެވެ. ނަމަވެސް މުޢިއްޒާއެކު ފޯމް ހުށައެޅުއްވުމަށް ވަޑައިގެން ލީޑަރޝިޕްގެ ހަމައެކަނި ބޭފުޅަކީ ޕީއެންސީގެ ރައީސް އަބްދުއް ރަހީމެވެ. މުއިއްޒުގެ ރަނިންމޭޓުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އެވެ.

ޑރ. މުޢިއްޒު ފޯމް ހުށައެޅުއްވުމާއެކު ޑރ. ޖަމީލްވަނީ މުޢިއްޒަށް މަރުޙަބާ ދަންނަވައި ރައީސް ޔާމީންގެ ތާޢީދު ޑރ. މުޢިއްޒަށް އޮތްކަން ހާމަކުރަށްވާފައެވެ. އެގޮތުން ޕީޕީއެމާއި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސްގެ ސެނެޓާއި ޢާއްމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއެއްގޮތަށް އެކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުންކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

“ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސްޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފައެވެ. އަދި އަޅުގަނޑުގެ ފުރިހަމަ ތާއީދު ތިޔަކެނޑިޑޭޓުންނަށް ލިބިވަޑައިގަންނަވާނެއެވެ.” ޑރ. ޖަމީލް ވިދާޅުވިއެވެ.



ޕީޕީއެމުން ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން ނާކާމިޔާބު ވެވަޑައިގަތުމުންނެވެ. މި މެސެޖާއި އެކު ޕީޕީއެމް ސެނެޓް ބައްދަލުވުން ހޫނުވެ ހިނގި ހަމަނުޖެހުން ތަކަށްފަހު ވޯޓުން ފާސްވީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށެވެ.

ރިޔާސީ އިންތިޚާބަށް ނަން ހުށައެޅުމުގެ ފުރުސަތު މިއަދު މެންދުރަށް ހަމަވާއިރު މިހާތަނަށް އީސީން ބަލައިގެންފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް ޞާލިޙާއި އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމްގެ ކެންޑިޑެސީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން