ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫގެ ފެނަކަ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޞާލިޙްގެ ސަރުކާރުން މީދޫގައި ޢިމާރާތްކޮށްދެއްވި ފެނަކަ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައި އެރަށުގައި ޤާއިމްކުރެވުނު ފެނުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ އެމަނިކުފާނު ނިލަންދެއަތޮޅު ދެކުނުބުރިއަށް މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން، މީދޫގައި ޢިމާރާތްކޮށްފައިވާ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޢިމާރާތްތަކެކެވެ. މީދޫގައި ކުރިން ހިންގަމުން އައި 22 އަހަރުވީ އިންޖީނުގެ ހުރީ ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ކަމަށް ވީނަމަވެސް އައު އިންޖީނުގެ ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައެވެ.

ދ. މީދޫގައި، ޤާއިމްކުރެވުނު ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިޔަށް ގެންދެވުނު މަޝްރޫޢުކެވެ. މި މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ، އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެންނެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމައި، މިހާރުވަނީ ފެނުގެ ކަނެކްޝަންތައް ގޭގެއަށް ގުޅައިދީފައެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން