މި ސަރުކާރުން ކަންކޮށް ދައްކާފައިވާ ކަމަށާއި އެހެންކަމުން ހުރިހާ ބޭފުޅުންވެސް ސަރުކާރާއެކު ކުރިއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

ކެމްޕޭން ދަތުރުފުޅެއްގައި ދ. މީދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރުން ވަނީ ކަންކޮށް ދައްކައިފައި ކަމަށާއި ރައްޔިތުންނަށް ޓެސްޓް ކުރެވުނު ވެރިޔަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވަނީ އެމަނިކުފާނު ކަމަށެވެ. އެހެންކަމުން ސަރުކާރާ ގުޅިވަޑައިގަތުމަށް ރައީސް ވަނީ ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އެއްވެސް މީހަކު ބާކީނުކުރާނެ ކަމަށެވެ. އޭގެއިތުރުން ވަކި ކުލަޔަކަށް ވަކި ރަށަކަށް ތަފާތެއް ނުކޮށް ޕީޕީއެމް ވިޔަސް އެހެން ޕާޓީއެއް ވިޔަސް ރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަން ކޮށް ދައްކައިފިން. ކުރިއަށް ރޭވިފައި ހުރި ކަންކަން ވެސް އެބަހުރި. ޓެސްޓު ތިބޭފުޅުންނަށް ކުރެވިފައި މިހާރު އޮންނާނީ މި ސަރުކާރުގެ. އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާށޭ. ވޯޓު ދެއްވާށޭ." ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ރާއްޖޭގެ ރަށްރަށުން މިއަދު ފެންނަމުން މިދަނީ ފައިސާ ހޯދައިގެން، މީހުން ތަމްރީން ކޮށްގެން، ކަންކުރާނެ ގޮތް ކަނޑައަޅައިގެން މަސައްކަތްކުރުމުގެ ނަތީޖާ ކަމަށެވެ.

“ކުރިއަށް ވެސް އޮތީ އެފަދަ މުސްތަގުބަލެއް. އުފާވެރި އަމާން ރާއްޖެއެއް.” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ހަމައެއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ދޭތެރޭގައި ޝައްކެއް ކުރާނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ވަރަށް ސާފު! އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއްބުރުން މި އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނަން” މީދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ނެތުމަކީ މުޅި ޤައުމަށްވެސް އޮތް ދެރައެއް ކަމަށެވެ. އަދި އެގޮތަށް ދިމާވީ ވަކި މީހެއްގެ ފަހަތުގައި އެނބުރޭ ސިޔާސީ ޕާޓީއަކަށް ވުމުން ކަމަށާއި އެއީ ކުރިން އެމްޑީޕީވެސް އޮތްގޮތް ކަމަށެވެ.

ރައީސް ވަނީ ދ. މީދޫގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމަށާއި، އައިސްޕްލާންޓެއް ބެހެއްޓުމުގެ އިތުރުން ބަނދަރު ހައްދަވައި ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން