ޝަރުތު ހަމަވާ ތޭރަހާސް މީހުންނަށް އަންނަ ދައުރުގައި ފްލެޓް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ގދ. ނަޑެއްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާއަކީ ރާއްޖޭގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ކަނޑައަޅާނެ އިންތިޚާބު ކަމަށެވެ. އެހެންކަމުން, ކޮންމެ ރައްޔިތަކުވެސް ލިބިފައިވާ ވޯޓު ދިނުމުގައި ޒިންމާދާރުވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އޭގެއިތުރުން މާލޭ ސަރަޙައްދުން ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު އިޢުލާނުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފްލެޓްލިބޭ މީހުންގެ ލިސްޓުގައި ތިބި ޝަރުތު ހަމަވާ 13000 މީހުންނަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފްލެޓް ޙަވާލުކޮށް ނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓްރީ މިއަދު ކުރި އިޢުލާނުގައި ވާގޮތުން ފްލެޓް ލިބޭމީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިހިނގާ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ. އަދި ދާއިމީ ލިސްޓު އާންމު ކުރާނީ ހުށައަޅާ ޝަކުވާތަކަށާއި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށް ފަހުގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގާ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. މި ޓަވަރު ތަކުގައި ހަދަނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ.

ފްލެޓަށް އެދި 20،000 އަށްވުރެ ގިނަ މީހުން ފޯމު ހުށައަޅާފައި ވެއެވެ. މިއަދު އާންމުކުރި ލިސްޓުތަކަށް ބަލާއިރު އޭގެތެރެއިން 14 ހާހަށްވުރެ ގިނަ މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6 ހާހަށްވުރެ ގިނަ މީހުން ދެ ކޮޓަރީގެ އެޕާޓްމެންޓަށް ކުރިމަތިލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން