ގދ. ނަޑެއްލާ އާއި ރަތަފަންދޫ އަދި ފިޔޯރީގައި ޢިމާރާތްކުރި އާއިންޖީނުގެތައް ރައީސް ޞާލިޙް މިއަދު ހުޅުވައިދެއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ނަޑެއްލާ އާއި، ރަތަފަންދޫ އަދި ފިޔޯރީގައި ފެނަކައިން އިމާރާތްކުރި އައު އިންޖީނުގެތަކާއި އޮފީސް ޢިމާރާތްތައް ހުޅުއްވައިދެއްވީ، ހުވަދުއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ނަޑެއްލާ ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ. ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގޭގެ އޮފީސް ޢިމާރާތުގައި، ދަތިކަމެއް ނެތި 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 590 ކިލޯވޮޓްއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ރަތަފަންދޫ ފެނަކަ އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެ ކުރިން، ރަތަފަންދޫގައި އިންޖީނުގެއާ އޮފީސް ޢިމާރާތުގެ ގޮތުގައި ބޭނުން ކުރަމުން އައީ 37 އަހަރުވެފައިވާ ދުވަސްވީ ޢިމާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ގދ. ފިޔޯރީ ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވީ މިއަދު ހަވީރުއެވެ. ފިޔޯރީ ފެނަކަ އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެއް ކަމަށް ފެނަކައިން މަޢުލޫމާތުދީފައިވެއެވެ. އެރަށުގައި މީގެ ކުރިން ހުރި އިންޖީނުގޭގެ އޮފީހަކީ، 4 މީހުންގެ ޖާގައިގެ އޮފީހެކެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން