މަހުގެ އަގު މިއަދުވެސް ބޮޑުކުރެވިދާނެ ކަމަށާއި ނަމަވެސް މަސް އެކްސްޕޯޓް ކުރަންޖެހެނީ ކުޑައަގެއްގައި ކަމަށް ރައީސް ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ގދ. ފަރެސް މާތޮޑާއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ފަރެސްމާތޮޑާގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތަށް އެރަށުގައި އައިސްޕްލާންޓެއް ގާއިމު ކުރަށްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މަހުގެ އަގު މިއަދުވެސް ބޮޑުކުރެވިދާނެ ކަމަށާއި، ނަމަވެސް ބޭރަށް ވިއްކަން ޖެހެނީ އެއަށްވުރެ މާ ކުޑަ އަގެއްގައި ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކއި މިފްކޯގެ ޝެއަރ ވިއްކުމަކީ ކުރެވިދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިން ބާނާ މަސް ތާޒާކަމާއެކު ގަނެވޭނެ އިންތިޒާމް ހަމަޖައްސަންޖެހޭ ކަމަށާއި، ކަލެކްޓަރ ވެސަލްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަންޖެހޭ ކަމަށެވެ.

"ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ފަށާފައިވާ މަސައްކަތް. ފެލިވަރުގެ ފެކްޓަރީއަށް ގެންނަ ބަދަލު، އަދި އައްޑޫގައި ހެދި ކޯލްޑް ސްޓޯރޭޖަށް ކެޕޭސިޓީ ޑަބަލްކުރުން ކުރިއަށް ގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވަނީ ފަރެސް މާތޮޑާއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފަރެސްމާތޮޑާގެ އެއާޕޯޓްގެ މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށާއި، އަދި އެއާޕޯޓް ކައިރީ ސިޓީ ހޮޓަލެއްވެސް ތަރައްގީކޮށްދޭނެ ކަމަށެވެ.

މީގެއިތުރުން ފަރެސްމާތޮޑާގެ ހެލްތު ސެންޓަރުގެ އައު އިމާރާތެއްގެ އިތުރުން ރަށުގައި ބޮޑު ހުކުރު މިސްކިތެއް އަޅައި، ބަނދަރާއި ނެރު ފުންކޮށް ރަނގަޅު ފެންވަރުގެ މޫދަށް އެރޭ ސަރަހައްދެއްވެސް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައެވެ. އަދި ފަރެސްމާތޮޑާ ކައިރީ އޮތް ކަޅައިދޫ އެރަށާ އެއްކޮށްލައި، ކަޅައިދޫގައި ފްލެޓް އަޅައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން