ރާއްޖޭގެ ފުރަތަމަ ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ބޭސްފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރު ޚަރަދު ކުޑަކޮށް، މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ މިއަދު ހުޅުވާފައިވާ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ޞިއްޙީ ދާއިރާ ހަރުދަނާކޮށް އެއްވެސް މީހަކު ބާކީނުކޮށް އެންމެ ބޭނުންޖެހިފައިވާ މީހުނަށް އެ ބޭނުންތައް ފުއްދައިދިނުން ކަމަށެވެ. އެގޮތުން މިއަދު ހުޅުއްވައިދެއްވި ލެބުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެކަމުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ލެބުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

"ޕްރޮސްތެޓިކް އެންޑް އޯތޮޓިކް ލެބަކީ ޚާއްޞަ އެސިސްޓިވް ޑިވައިސްތައް ތައްޔާރުކުރެވޭނެހެން ޤާއިމްކޮށްފައިވާ ލެބެކެވެ. މީގެކުރިން ޕްރޮސްތެޓިކް ނުވަތަ އޯތޮޓިކް އެސިސްޓިވް ޑިވައިސްތައް ބޭނުންވާ ފަރާތްތަކަށް މި ތަކެތި ހޯދަމުން ދިޔައީ ރާއްޖެއިން ބޭރުންނެވެ. އަދި މިހާރު މި ވަޞީލަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ތައްޔާރު ކުރެވެން ފެށުމުން، މިކަމަށް ސަރުކާރުން ހޭދަކުރާ ޚަރަދުގެ 3 ގުނަ ސަލާމަތްކުރެވިގެންދާނެއެވެ. އަދި މިފަދަ ވަޞީލަތް ބޭނުންވާ ފަރާތްތަކަށް އެންމެ އަވަސް މިނުގައި މިތަކެތި ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ މިއަދު ހުޅުއްވައިދެއްވި ލެބު ތަރައްޤީކުރުމުގައި އިންޑިއާ ސަރުކާރުން ވެދެއްވި ދީލަތި އެހީތެރިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ޞިއްޙީދާއިރާގެ ޚިދުމަތްތަކާއި އެހެނިހެން މުހިންމު ޚިދުމަތްތައްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސް އޮފީހުން ބުނީ ކޮންމެ ޢާއިލާއެއްގެ ކޮންމެ މީހަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުންނަ މީހަކަށްވުމަށްޓަކައި ފުރިހަމަ ޞިއްޙީ ނިޒާމެއް ޤާއިމްކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން