ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދު އަތޮޅު އުތުރުބުރީ، ކޮނޑޭ ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިތަންތަން ހުޅުއްވައި ދެއްވީ، މިހާރު އެމަނިކުފާނު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތަކީ ޖާގަ ތަނަވަސް ޒަމާނީ ޢިމާރާތެކެވެ. އައު އޮފީހުގައި ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 500ކިލޯވޮޓްއެވެ.

ކޮނޑޭގައި މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގޭގެ ޢިމާރާތަކީ 21 އަހަރުވީ ޢިމާރާތެކެވެ.

ހަމައެއާއެކު ރައީސް މިއަދު ވަނީ ކޮނޑޭ ކައުންސިލް އިދާރާގެ އައު އިމާރާތްވެސް ހުޅުއްވައި ދެއްވާފައެވެ. ކޮނޑޭ ކައުންސިލް ޢިމާރާތަކީ، ޖާގަ ތަނަވަސް އަދި ޒަމާނީ، އޮފީސް އިމާރާތެކެވެ. ކޮނޑޭ ކައުންސިލްގެ އައު ޢިމާރާތް ބިނާކޮށްފައި ވަނީ، އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރައްވައިގެންނެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން