ގއ. ގެމަނަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތާއި ފެނަކަ އޮފީހާއި އެރަށު ސްކޫލުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް އިމާރާތް ހުޅުއްވައިދެއްވައި އެރަށުގައި ފެނުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ގެމަނަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތާއި އެރަށު ސްކޫލުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު ގއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގެމަނަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ހަވީރު ކަމަށެވެ.

އަދި މިއަދު ހެނދުނު އެމަނިކުފާނު ވަނީ އެރަށުގެ ފެނުގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައި ފެނަކަ އޮފީސް ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ގެމަނަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި އޮފީސްބައެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓް، ކޮންފަރެންސް ރޫމް، މެޑިކަލް ސްޓޯރ، ޖެނެރަލް ސްޓޯރ އަދި ގަރާޖާއި ލޯންޑްރީ ހިމެނެއެވެ.

ގެމަނަފުށީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ގެމަނަފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ގެމަނަފުށީ އައު ފެނަކަ އޮފީހަކީ 30 މުވައްޒަފުންގެ ޖާގައިގެ އަދި ކުރިޔަށްވުރެ ގިނަ ވަޞީލަތްތަކާއެކު ތަރައްޤީކުރެވިފައިވާ އޮފީސް އިމާރާތެކެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން