މީހަކު ވަގަކަށް ވަނީ ޝަރުޢީ ކޯޓަކުން އެމީހެއްގެ މައްޗަށް ވައްކަމުގެ ޙުކުމް ސާބިތުވުމުން ކަމަށް ގުޅިފައިވާ ޕާރޓީ ތަކުގެ ރަނިންގމޭޓް މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ގއ. ވިލިނގިލީގައި ރޭ ބޭއްވި “އުފާވެރި އަމާން ރާއްޖެ” ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ވައްކަން ކުރި ކަމަށް ސާބިތުވެ ޖަލަށްލާ ހިސާބުން އެމީހަކާ ދިމާލަށް ވަގެކޭ ބުނުމުގެ ޖާގަ އޮންނާނެ ކަމަށެވެ.

އަދި މީހެއްގެ މައްޗަށް ވައްކަމުގެ ހުކުމް ސާބިތުވެ ޖަލަށްލާފައިވުމަކީ ދެން ތިބޭ ހުރިހާ މީހުން ވަގުންނަށް ވާންޖެހޭ ސަބަބެއް ނޫން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

“ވަގުންނަށް އެނގެން އެބަ ޖެހޭ ވަގުންނަކީ ކޮބައިކަން. އެހެން މީހަކާ ދިމާލަށް ތިމަންނާ ތާއީދުކުރާ މީހާއަކީ ވަގަކަށް ވީމާ ދެން ތިބޭ އެންމެންނަކީ ވަގަކަށް ވާކަށް ނުޖެހޭ” އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ވަގެއްވެއްޖިއްޔާ އެ ވަގަކު ހިފާނެ ގޮތް އެބަ އޮތް ކަމަށާއި އެމައްސަލަ ހުށަހެޅޭނެ އިދާރާތައް އެބަ ހުރި ކަމަށެވެ. ހަމައެއާއެކު އެފަދަ މައްސަލަތައް ހުށައެޅުމުން މައްސަލަ ބެލޭނެ ގޮތް އެބަ ހުރި ކަމަށާއި މައްސަލަ ތަހުގީގުކުރުމަށްފަހު ޝަރީއަތަށް ފޮނުވޭނެ ގޮތް އެބަ ހުރި ކަމަށް އަސްލަމް ވިދާޅުވިއެވެ.

“ޝަރީއަތަށް ދިއުމަށްފަހު ޝަރީއަތުން ހުކުމެއްޖަހާ ޖަލަށްލާ ބަންދު މިކުރަނީ. ޖަލަށް ލައި ބަންދުކުރީމާ އަޅުގަނޑުމެންނަށް އެއީ ވައްކަމެއްގައި، ކުށުގައިވީމާ ވަގަކޭ ބުނެވިދާނެ.” ރޭގެ ޖަލްސާގައި އަސްލަމް ވިދާޅުވިއެވެ.

އިދިކޮޅު ވާދަވެރިންނަށް ފާޑުވިދާޅުވަމުން އަސްލަމް ރޭ ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގެ ނަމުގައި ތަންތަނުގައި އަލިފާން ރޯކޮށް ޕޯޑިއަމްތަކުގައި ދޮގު ހަދައި ވާދަވެރިންގެ އަނބުރު ކަތިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން