ސިޔާސީ ގޮތުން އިތުރަށް ޙާސިލްކުރަންޖެހޭ ހަރުފަތެއްނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނުގައި މިއަދު ނ. މާޅެންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ސިޔާސީ މަޤްސަދެއް ޙާސިލުކުރުމަށް އެމަނިކުފާނު އަޅުއްވާނެ އިތުރު ފިޔަވަޅެއް ނެތް ކަމަށެވެ. އަދި ދެވަނަ ދައުރެއްގައި އެމަނިކުފާނުގެ ހަމައެކަނި މަޤްސަދަކަށްވާނީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވެވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ ދައުރުގައި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުން ފިޔަވައި، ސިޔާސީ ގޮތުން ހާސިލްކުރަން ބޭނުންވާނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.

“އަޅުގަނޑު ރިޔާސީ ރޭހަށް ނިކުމެ މިހުރީ ދެވަނަ ފަހަރަށް. އެއް ދައުރު ނިމިއްޖެ. އަޅުގަނޑު ސިޔާސީ ކަންކަމުގައި ދެން އަރާނެ ހަރުފަތެއް ނެތް. ސިޔާސީ މަޤްސަދުގައި އަޅުގަނޑު ބޭނުންވާނެ އިތުރުކަމެއް ނެތް.” ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާ ފެންނަން އަދި ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އޭގެއިތުރުން އަންނަ ދައުރު ނިމިގެންދާއިރު މާއުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު އުފާވެރި އަމާން ރާއްޖޭގެ ސިޔާސަތުގެ ދަށުން ދިވެހި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމް ކޮށްދެއްވާނެ ކަމަށްވެސް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވާނެ ކަމަށް ވިދާޅުވިއެވެ.

ނ. މާޅެންދޫ ބަނދަރުގެ މަސައްކަތް މިހާރު ވެސް ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށާއި ރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ހިދުމަތްދޭ ތަނަކަށް ބަދަލު ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން