ރައްޔިތުން ބޭނުންވާ ކަންތައްތައް ދަންނަވައިގެން ރައީސް ޞާލިޙް ކޯފާ ނުވާނެ ކަމަށް އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގައި ނ. މާޅެއްދޫގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް މިއަދު ވިދާޅުވީ ކުރީގެ ރައީސުންނާއި ރައީސް ޞާލިޙްގެ އެންމެ ބޮޑު ތަފާތަކީ ރައްޔިތުންގެ އަޑު އެއްސެވުން ކަމަށެވެ.

އެގޮތުން ރައްޔިތުން ބޭނުންވާ ކަންތައްތައް ރައީސަށް ދެންނެވުމަށާއި އޭގެއިތުރުންވެސް ކަންތައްތައް ރައީސް ކޮށްދެއްވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

“މީގެ ކުރިން ފެންނާނޭ އައިސްތިބޭ ވެރިން އެއްކަމެއް ދެކަމެއް އަހާލާއިރަށް ތިން ވަނަކަމަކުން އެބޭފުޅުން ކޯފާވާނެ. އެކަމަކު ރައީސް ގާތު ދަންނަވަނީ ތިމަންނަމެން އެވެނިކަމެއް މިވެނި ކަމެކޭ ތިމަންނަމެން ބޭނުންވަނީ. ތިބޭފުޅުން ދަންނަވާ އެއްޗެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ތިބޭފުޅުންނަށް ކަންތައްތައް ކޮށްދެއްވުމަށް ވައުދުވެވަޑައިގަންނަވާނެ.” ސިޔާމް މިއަދު ވިދާޅުވިއެވެ.

ސިޔާމް މިއަދު ވިދާޅުވީ ރައީސް ޞާލިހު ވައުދުފުޅެއް ވެވަޑައިގެންފިނަމަ އެވަޢުދެއް ފުއްދަވާނެކަން މިއަދު ނ.އަތޮޅުގެ ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ރައީސް ޓެސްޓު ކުރެވިފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ރައީސް ޞާލިޙަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ދަހިވެތިވެ ފެން ބޮވައިގަނެވިފައިވާ ރައީސެއް ކަމަށާއި އެހެން ރައީސެއްގެ ކިބައިގައި ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމުގެ ލަޔާޤަތާއި ޤާބިލުކަން ނެތްކަމަށް ވިދާޅުވެ ސިޔާމް ވަނީ މިއަދުގެ ޖަލްސާގައި ރައީސް ޞާލިޙަށް ތަޢުރީފް ކުރަށްވާފައެވެ.

ސިޔާމް ވިދާޅުވީ ބުއްދިވެރިން އަމަލުކުރާނީ ތަޖުރިބާ އަލީގައި ވިސްނުން އިސްކޮށްގެން ކަމަށެވެ. އެހެންކަމުން އެހެން ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތައް އަޑުނޭހުމަށާއި އެންމެ ބުއްދިވެރިގޮތަކީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުންކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން