ކޮވިޑުގެ ހާލަތުގައި ވަގުތީ ގޮތުން މިސްކިތްތައް ބަންދުކުރަން ނިންމީ ހިތާދެކޮޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނުގައި މިއަދު ނ. ހެނބަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ވަގުތީ ގޮތުން މިސްކިތްތައް ބަންދުކުރަން ނިންމީ އިތުރުގޮތެއް ނެތިގެން ކަމަށެވެ. އަދި އެއީ ނިންމަވަން ވަރަށް ދަތިވި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވަނީ ހެނބަދޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހެނބަދޫ ބިން ހިއްކައި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ހެނބަދޫގައި ހުކުރު މިސްކިތެއް ގާއިމުކޮށްދެއްވައި، މަގުތައް ހައްދަވައިދެއްވާނެ ކަމަށާއި ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވަނީ ރިޔާސީ އިންތިޚާބުގައި ހެނބަދޫއިން ބޮޑު އަޣުލަބިއްޔަތެއް އެމަނިކުފާނަށް ލިބޭނޭ ކަމާމެދު ޝައްކު ނުކުރަށްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން