ހެނބަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން މިއަދު ފާހަގަކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ފެނުގެ ނިޒާމްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ހެނބަނދޫގެ ބަނދަރާއި، އިންޖީނުގެއާއި ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައިދެއްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ހެނބަދޫއަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހުގައެވެ.

ހެނބަދޫ ފެނުގެ ނިޒާމްގެ މަސައްކަތްކޮށްފައި ވަނީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ނެވެ. ފެނުގެ ނިޒާމްގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާއިރު، 162 ފަރާތަކަށް ވަނީ ކަނެކްޝަން ގުޅައިދީފައެވެ. އަދި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންވެސް މިއަދު ފާހަގަކޮށްފައި ވާއިރު އެމަޝްރޫޢުގެ ދަށުން 235 މީޓަރުގެ ރިވެޓްމެންޓާއި، 25 މީޓަރުގެ ގްރޮއިން ވަނީ ޖަހާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ހެނބަދޫ ބަނދަރަކީ، މިޒަމާނާއި ގުޅޭ ގޮތަށް ހަދާފައިވާ ބަނދަރެކެވެ. ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން މިމަޝްރޫޢުގެ ދަށުން ވަނީ، ނެރު ބައްތިއާ ބަނދަރުބައްތި ޖަހައި، ޕޭވްމަންޓް ހަދާފައެވެ. ހެނބަދޫގެ ބަނދަރާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ޙަވާލުކޮށްގެނެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވި ފެނަކަ އައު އޮފީސް އިމާރާތަކީ، ދަތިނުވެ 15މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ، ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ498 ކިލޯވޮޓްއެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން