ރައްޔިތުން ބާރުވެރި ކުރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރުންގެ ރީކޯލް ވޯޓު ނެގުމަށް ހުށައަޅުއްވާނެ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރަށްވާ އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ ނުރަނގަޅު ކަންކަން ބަދަލު ކުރުމަކީ އަބަދުވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް ޕާޓީތައް ތައާރަފްކޮށް ޑިމޮކްރަސީ ގެނައީ ރައްޔިތުން ބާރުވެރިކުރުވަން ކަމަށް ފާރިސް ވިދާޅުވިއެވެ.

އެހެންކަމުން ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށާއި ކެރުންތެރި ބައެއް ނިކުމެ ކުރިމަތިވާ ގޮންޖެހުންތައް ކަނޑައްތުކޮށް ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަން ޖެހޭކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.

ފާރިސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް ޖަވާބުދާރީ ކުރެވޭނެ ތަޞައްވުރެއް އެމަނިކުފާނުގެ އެބައޮތް ކަމަށާއި އެގޮތުން މެންބަރުންގެ ރިކޯލް ވޯޓެއް ނެގުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭނެ އިސްލާޙެއް ހުށައަޅުއްވާނެ ކަމަށެވެ.

“ޤާނޫނު އަސާސީ އިސްލާޙު ކޮށްދެއްވާށޭ މަޖިލީސް މެންބަރުން ރީކޯލް ވޯޓަކަށް ކުރިމަތިލާން ޖެހިދާނެ ޙާލަތު. އޭގެ މާނައަކީ ދައުރުގެ މެދުތެރެއިންވެސް އެ މެމްބަރެއްގެ ހިދުމަތް ރައްޔިތުން އެދޭ ފެންވަރެއްގައި ނުހިފެހެއްޓިޖެނަމަ އެ މެމްބަރެއްގެ އިތުބާރު ނެތްކަމުގެ ޕެޓިޝަނެއް، ނޫނީ އެ މެންބަރަކު ބަދަލު ކުރަން ރައްޔިތުންނަށް ހުށައެޅޭނެ. އަދި ވަކި އިންސައްތައެއް ލިބިއްޖެނަމަ އެ މެންބަރެއްގެ ގޮޑި ހުސްވެ އަލުން ބައި އިލެކްޝަނަކަށް ދާނެ.” ފާރިސް ވިދާޅުވިއެވެ.



ފާރިސް ވިދާޅުވީ، ޤާނޫނު އަސާސީން ރައްޔިތުން ބާރުވެރިކުރުވާފައި ވަނީ ދާއިމީކޮށް ކަމަށެވެ. އަދި އެބާރަކީ ފަސްއަހަރުން އެއްފަހަރު އޮންނަ ބާރެއް ނޫން ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ޙަޤީޤަތުގައި ރާއްޖެއަށް ޕާޓީ ނިޒާމް ތަޢާރަފްކުރީ ރައްޔިތުން ބާރުވެރި ކުރުވުމަށް ކަމަށާއި ނަމަވެސް ރާއްޖޭގައި ޕާޓީތައް މަސައްކަތް ކުރަނީ އެމަގުން ނޫންކަމަށްވެސް ފާރިސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން