ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

މިގޮތުން އެމަނިކުފާނު ވަނީ، މަނަދޫ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ނ. އަތޮޅުހޮސްޕިޓަލްގެ 6 އޯޕީޑީ ރޫމާއި ލެބޯޓްރީ އަދި ނ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި، އިންޑޯރޖިމް އަދި ފުޓުބޯޅަދަނޑާއި، ފެނަކަ އޮފީސް ހުޅުއްވައި ދެއްވާފައެވެ.

މަނަދޫ ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ވިޝްވަރާޖް އެންވަޔަރަންމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ނިންމާފައިވާ ނިޒާމެކެވެ. މިމަޝްރޫޢުގެ މަސައްކަތް ނިންމައި މިހާރު ވަނީ 269 ފަރާތަކަށް ފެނުގެ ކަނެކްޝަންސްތައް ގުޅައިދީފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވި، މަލްޓިޕަރޕަސް ހޯލަކީ، އެންމެ ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް ހޯލު އިމާރާތެކެވެ. މިޢިމާރާތުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވި، މަނަދޫ ފުޓުބޯޅަ ދަނޑަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދަނޑެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ކުރިން އިންޑޯރ ޖިމްވެސް ހުޅުއްވައި ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މި ޢިމާރާތް ބިނާކޮށްފައި ވަނީ މަނަދޫގެ ބަނދަރު ސަރަޙައްދުގައެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން