ސަރުކާރުން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަށް ދެން އެންމެ އަވަހަށް ފެށިގެންދާނީ ނ. އަތޮޅުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މިއަދު ނ. ޅޮއްސަށް ވަޑައިގެން އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ނ. އަތޮޅުގެ ރަށްތަައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނ. އަތޮޅުގެ ރަށްތަކަށް ހީނުކުރާ ވަރުގެ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

“އާރުޓީއެލްގެ ހިދުމަތް ދެން އަންނާނީ ނ. އަތޮޅަށް. މިހާރު ވަނީ އެކަމަށް ބޭނުންވާ ލޯންޗު ބަނުމަށް ކޮންޓްރެކްޓް ކޮށްފައި.” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންމެ އުތުރުގެ ތިން އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް މިހާރު ފަށާފައިވީ ނަމަވެސް ނ. އަތޮޅުގައި އެޚިދުމަތް ނުފަށައި ދެކުނުގެ އަތޮޅުތަކުގައި އެ ހިދުމަތް ފެށުމުން އެ އަތޮޅު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ޤަބޫލުކުރަށްވާ ކަމަށެވެ.

އާރްޓިއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައިވަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. އަދި ގދ. އަތޮޅުގަ އެވެ.

ރައީސް މިއަދު ޅޮހީގައި ދެއްކެވި ވާހަކަފުޅުގައި ވަނީ އެރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް ޓޫރިސްޓު ބީޗެއް ގާއިމުކުރުމާއި ހެލްތު ސެންޓަރު 24 ގަޑިއިރަށް ބަދަލުކޮށް ލެބޯޓަރީއެއް ޤާއިމުކުރުމާއި ސްކޫލްގައި މަލްޓިޕާޕޯސް ހޯލާއި ރިސޯސް ރޫމް ގާއިމުކުރަށްވާނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ރަށު ކައުންސިލް އިދާރާ އެޅުމާއި ޒަމާނީ ވަސީލަތްތަކާއެކު ޔޫތު ސެންްޓަރެއް ބިނާކުރަށްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ޞާލިޙް މިއަދުވެސް ވިދާޅުވީ އެމަނިކުފާނު މަސައްކަތްޕުޅު ކުރަށްވާނީ އެއްވެސް ރަށެއް ތަފާތުނުކޮށް އަދި އެއްވެސް ރައްޔިތެއް ބާކީ ނުވާނެ ގޮތަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން