ނ. މިލަދޫ ކައުންސިލްގެ ދެމެންބަރުން ކަމަށްވާ މުޙައްމަދު މައުރޫފު އާއި އާއިޝަތު ނީމް މޫސާ ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރަށްވައިފިއެވެ.

މި ދެބޭފުޅުން އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައެވެ.

މި ދެ މެންބަރުން ކައުންސިލަށް އިންތިޚާބުވެފައިވަނީ އިދިކޮޅު ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ. އެދެމެންބަރުުންގެ އިތުރުން އެރަށޫގެ ގިނަ ބަޔަކު މިއަދު ވަނީ އެމްޑީޕީއާ ގުޅިފައެވެ.

އެބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފޯމް ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ އަތްޕުޅަށެވެ.

މިލަދޫގައި މިއަދު ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ޚިޔާލާއެކު ކުރިއަށްދާން ކަމަށާއި އެހެންވެ، ކުޑަ އާބާދީ ރަށްތައް ވެސް ސަރުކާރަށް މުހިއްމުކަމަށެވެ. ނަމަވެސް ވާދަވެރިންގެ ވިސްނުންހުރީ ހަމައެކަނި ބޮޑެތި އާބާދީތަކުގައި މަޝްރޫޢުތައް ހިންގުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި މިލަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅުއްވައިދެއްވާނެ ކަމަށެވެ. ހަމައެއާއެކު މިލަދޫގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި، ފްލެޓް ނޫނީ ރޯހައުސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތައް މިހާރު ހުރީ ގެސްޓް ހައުސް އެޅުމަށް ފައްކާވެފައި ކަމަށެވެ. އަދި މިއީ ރަނގަޅު މުސްތަޤްބަލުގެ ފެށުން ކަމަށާއި އެކަމަށް އިވެންސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ލޯނު ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން